އާ އަހަރާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން "ރިވެލި" ގެ ދަށުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގައި ބަނގުރާ ކައްކައި، ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރަމުންދިޔަ ތަނެއް ބަލައި ފާސްކޮށް ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ ދެ ރައްޔިތުން ކަމަށްވާ މޮހަންދާސް ރަޖެންދިރަން (22އ) އާއި ބަލަސުބްރަމަނިޔަން ސެލަމް (41އ) ކަމަށެވެ. އަދި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އެ ގެ ބަލައިފާސްކުރިއިރު އެ ގޭގެ ތިން ފަންގިފިލާ އިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށެވެ.

އެ ގެއަކީ އެމީހުން ކުއްޔަށް ނަގައިގެން އުޅެމުންދާ ގެއެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ މިހާރު ވަނީ ހަވާލުކޮށްފައި ކަމަށާއި އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.