2062 ވަނަ އަހަރު އަންނައިރު މާލެ ފިޔަަވައި އެހެން ރަށްރަށުގައި ދިވެހިންނަށް ވުރެ ގިނައިން ދިރިއުޅޭނީ ބިދޭސީން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އިއްޔެ އާންމުކުރި "މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން 2022- 2062" ރިޕޯޓުގައި ބުނެފިއެވެ.

އެ ރިޕޯޓުގައިވާ ގޮތުން މީގެ 37 އަހަރު ފަހުން 2062 ވަނަ އަހަރު ރަށްރަށުގައި ދިރިއުޅެމުންދާ ދިވެހިން މާލެ ސަރަހައްދަށް ހިޖުރަކުރަމުންދާ މިންވަރު ގިނަވުމުގެ ސަބަބުން، ރަށްރަށުގައި ގިނައިން ދިރިއުޅޭނީ ބިދޭސީންނެވެ.

ވ. އަތޮޅުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ 2026 ވަނަ އަހަރު ބިދޭސީންނަށް ވާނެ ކަމަށް ރިޕޯޓުގައި ވަނީ ލަފާކޮށްފައެވެ. އަދި އެ ރިޕޯޓުގައިވާ ގޮތުން އައްޑޫ ސިޓީގެ އާބާދީގެ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު ވާނީ ބިދޭސީއަކަށެވެ.

ދިވެހިންގެ އާބާދީގެ 59 ޕަސަންޓު 2062 ވަނަ އަހަރު ދިރިއުޅޭނީ މާލޭ ސަރަހައްދުގައިކަމަށްވެސް ރިޕޯޓުގައިވަނީ ލަފާކޮށްފައެވެ. ދިވެހިންގެ އާބާދީގެ 41 ޕަސެންޓު މީހުން މިހާރު ވެސް ދިރިއުޅެނީ މާލެ ސަރަހައްދުގައިކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުން 2062 ވަނަ އަހަރު މާލެ ސަރަހައްދު ފިޔަވައި ދެން އެންމެ ގިނައިން ދިވެހިން ދިރިއުޅެނީ ހދ. އަތޮޅާއި ކ. އަތޮޅު އަދި އައްޑޫގައެވެ.

ރިޕޯޓުގައިވާ ގޮތުން 2026 ވަނަ އަހަރު އަންނައިރު ކޮންމެ ފަސް މީހެއްގެ ތެރެއިން ދެ މީހަކު ވާނީ ބިދޭސީއަކަށެވެ. އިތުރަށް ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި 2062 ވަނަ އަހަރު ރާއްޖޭގައި ދިރިއުޅޭ އާބާދީ 600،000 އަށް ވުރެ މައްޗަށް ދާނެއެވެ. އޭގެ ތެރެއިން 61 ޕަސެންޓަކީ ދިވެހިން އަދި 39 ޕަސެންޓަކީ ބިދޭސީންކަމަށް ރިޕޯޓުގައި ބުންޏެވެ.