އެކަނި ދަރިން ބަލައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެ އެލަވަންސް ބޮޑު ކުރީ، "އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު" އަށް އިސްލާހު ގެނެސްގެންނެވެ.

މިހާރު އެކަނިވެރި މައިންނާއި ބަފައިންނަށް، ކޮންމެ ކުއްޖަކަށް ދޭ އިނާޔަތުގެ ނިސްބަތަކީ 1،000 ރުފިޔާއެވެ. އެގޮތުން ކުދިންގެ ނިސްބަތުން އެ އަދަދު ގިނަވެގެން ގޮސް އެންމެ ގިނަވެގެން ދެވޭ އަދަދަކީ 10،000 ރުފިޔާއެވެ.

ނަމަވެސް ގަވާއިދަށް މިއަދު ގެނައި ބަދަލާއެކު، އެމީހެއްގެ ދަރިން ހުރި ނިސްބަތަށް ބަލައި، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ލިބޭނެއެވެ. އަދި ހަތަރު ކުދިންނަށްވުރެ އިތުރަށް ކުދިން ތިބިނަމަ، އިތުރުވާ ކޮންމެ ކުށްޖަކަށް މާލީ އެހީގެ ގޮތުގައި ކޮންމެ މަހަކު 1،000 ރުފިޔާ ލިބޭނެއެވެ.

ނަމަވެސް އެ ފައިސާ އެގޮތަށް ގުނަ ކުރެވޭނީ، 15،000 ރުފިޔާއާ ހަމައަށެވެ.

އެގޮތުން ކޮންމެ އަހަރެއްގެ ތެރޭގައި 180،000 ރުފިޔާ ކޮންމެ އެކަނިވެރި މަޔަކަށް، ނުވަތަ ބަފަޔަކަށް ލިބޭނެއެވެ.