މާލޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ކަޕްގެ ފައިނަލަށް ރާއްޖެ ދަތުރުކުރީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެގެންނެވެ. މިއީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، އަންހެން ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލަށް ނުކުންނަ ފުރަތަމަ ފަހަރެވެ. އެތައް ދުވަހެއްގެ އިންތިޒާރަށް ނިމުން ގެންނަން ކުރާ މަސައްކަތް ހާއްސަ ވަނީ މީގެ ކުރިން ރަން މެޑަލްއަށް ކުރި މަސައްކަތް ރިއްސާ ހަމައިން ނިންމާލަން ޖެހިފައި އޮތުމުންނެވެ.

ރާއްޖޭން ތިން މުބާރާތެއްގެ ފައިނަލުގައި ވާދަކޮށް ރިހި މެޑަލް އިން ފުއްދާލަން ޖެހުނު އިރު، މިއީ ރަނަށް ލިބޭ އެންމެ ބޮޑު ފުރުސަތުގެ ގޮތުގައި ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ)ވެސް ވަނީ ފާހަގަކޮށްފައެވެ. އިތުބާރު ހޯދައިދީފިއެވެ. ކުޅުމުން ތަފާތު ރޫހެއް ފެނިގެން ދެއެވެ. ހާއްސަކޮށް ރާއްޖޭގެ ޓީމުން ތަމްރީނު ކޭމްޕްތަކުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ހިފިކަން ސާފުވެސް ވާން ފަށައިފިއެވެ.

22 ޑިސެމްބަރ 2025، ވިމަންސް ކާވާ ކަޕް 2025، ދިވެހިރާއްޖެއާއި ކިރިގިސްތާން ބައްދަލުކުރި މެޗުގައި ކޯޗު ނަދީމް --- ވަން ފޮޓޯ: ހަމްދާން އަހުމަދު

"އިތުބާރު ހޯދައިދީފި"

ގައުމީ ޓީމުގެ ކުޅުންތެރިން ފަރާތުން މުބާރާތް ފެށުނީއްސުރެ އެދެމުން ދާ އެއް ކަމަކީ ސަޕޯޓަރުންގެ ފޯރިއަށެވެ. "ސޯޝަލް ސެންޓަރު ފުރާލަ ދިނުމަށެވެ." ފުރަތަމަ މެޗަށްފަހު ދިން އިންޓަވިއުއިން ފެށިގެންވެސް ސެމީ ފައިނަލް މެޗަށްފަހު ދިން އިންޓަވިއުގައިވެސް ޓީމުން އެދެމުން ދިޔައީ ސަޕޯޓަރުންގެ ހިތްވަރަށެވެ. ސަޕޯޓަރުން މާޔޫސްކޮށްނުލާނެކަމުގެ ޔަގީންކަން ދެވިފައިވާ ކަމަށްވެސް ކުޅުންތެރިން ވަނީ ފާހަގަކޮށްފައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަޕޯޓަރުންނަށް އަޅުގަނޑުމެންގެ ފަރާތުން މިހާރު ދޭން ޖެހޭ އިތުބާރު ދެވިއްޖެ. އަޅުގަނޑުމެންނަށް ސަޕޯޓަރުން ކޮށްދޭންވި ކަމަކީ ރަތް ކުލައިން ސޯޝަލް ސެންޓަރު ފުރާލަ ދިނުން. އެއީ ސަޕޯޓަރުންނަކީ އަޅުގަނޑުމެންގެ ހިތްވަރު،" މި މުބާރާތުގައި ރަނގަޅު ފޯމެއްގައި ކުޅެމުންދާ އައިމިނަތު ޝަހާ ޝާމިން މީޑިއާއަށް ބުނެފައިވެއެވެ.

ޓީމުގެ ސެޓަރު ޖޫޒާން ޒަރީރުވެސް ބުނީ ފެންނަމުން ދަނީ ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތުގެ ނަތީޖާ ކަމަށާއި، މިދިޔަ 10 ނޫނީ 12 އަހަރު ވޮލީ ކެރިއަރުގައި ދެކެމުންދާ ހުވަފެން ހަގީގާތަކަށް ހަދަން މިއީ ބޮޑު ފުރުސަތެއް ކަމަށެވެ. އަދި އެކަމަށްޓަކައި ސަޕޯޓަރުން ޓީމަށް ހިތްވަރު ދިނުމަށް އެދޭ ކަމަށް އޭނާވެސް ބުނެފައިވެއެވެ.

ރަން މެޑަލްއެއްގެ ހުވަފެނަކީ ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެވެސް ހުވަފެނެން ކަމަށެވެ. އެ ހުވަފެނުގައި ކުލަޖައްސައި، ވޮލީގެ ކެރިއަރު ފުރިހަމަ ކުރަން އެތައް ކުޅުންތެރިންނެއް ތިބީ ފެންބޮވައިގެންފައެވެ. މުބާރާތުގެ ކުރިން ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ވެސް ވަނީ އެކަން ފާހަގަކޮށްފައެވެ. ހާއްސަކޮށް ތައިލެންޑްގެ ކޭމްޕުން އެތައް ކަމެއް ހާސިލުކޮށް، ބުރަކޮށް މަސައްކަތް ކުރި ކަމަށްވެސް ހައްވަ ބުނެފައިވެއެވެ.

22 ޑިސެމްބަރ 2025، ވިމަންސް ކާވާ ކަޕް 2025، ދިވެހިރާއްޖެއާއި ކިރިކިސްތާނު ބައްދަލުކުރި މެޗުގެ ތެރެއިން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ހަމްދާން އަހުމަދުމުޅި ރާއްޖޭގެ އެތައް ރައްޔިތުންގެ އިންތިޒާރު އޮތީ މިރޭގެ ފައިނަލަށެވެ. ކިރިގިސްތާން ކައިރިން ލީގު މެޗުގައި މޮޅުވުން އެއީ ހިތްވަރެކެވެ. އެހެން ނަމަވެސް، އަޑު ގުގުމާލަން ޖެހެއެވެ. ރަތް ކުލައިން ކުޅުންތެރިންނަށް ހިތްވަރު ދޭން ޖެހެއެވެ.