ބަންގްލަދޭޝް މިހާރު އޮތީ އަނެއްކާވެސް ހަމަނުޖެހުންތަކެއްގެ ތެރޭގައެވެ. ވެރިރަށް ޑާކާ ހިމެނޭގޮތުން ބޮޑެތި ހުރިހާ ސަހަރުތަކެއްގައި ހަމަނުޖެހުންތަކެއް ވަނީ ފެށިފައެވެ. މި ހަމަނުޖެހުންތަކުގެ އަސްލަކީ ބަންގްލަދޭޝްގެ ކިޔަވާކުދީންގެ ލީޑަރެއްކަމުގައިވާ ޝަރީފު އުސްމާން ހާދީ އަވަހާރަކޮށްލުމެވެ. ވެރިރަށް ޑާކާގައި ބަޑިން ދިން ހަމަލައެއްގައި ވަރަށް ބޮޑަށް ޒަޚަމްވުމާއެކު ސިންގަޕޫރުގެ ހަސްފަތާލެއްގައި ފަރުވާދެމުން ދަނިކޮށް އުސްމާން ހާދީ އަވަހާރަވީ ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އޭނާއަކީ ހުސްވި 2024 ވަނަ އަހަރު ޝައިޚު ހަސީނާގެ ވެރިކަން ނިންމައިލުމަށް ކިޔަވާކުދިން އިސްވެތިބެގެން ކުރި މުޒާހަރާތަކުގެ އެއް ލީޑަރެވެ. އެހަރަކާތުގެ ތަރުޖަމާނެވެ. އަދި ކުރިއަށްއޮތް ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އާއްމު އިންތިޚާބުގައި ވެރިރަށް ޑާކާގެ ކޮންމެވެސް ގޮނޑިއަކަށް ވާދަކުރައްވާ ކެންޑިޑޭޓެކެވެ. އޭނާއަކީ ހަމައެކަނި ކުރީގެ ބޮޑުވަޒީރު ހަސީނާއާއި އެކަމަނާގެ އަވާމީ ލީގުގެ ހަތުރެއް ނޫނެވެ. އޭނާއަކީ އަވައްޓެރި އިންޑިޔާއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އިންޑިޔާގެ ނުފޫޒުން ބަންގްލަދޭޝް ސަލާމަތްކުރުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.
އުމުރުފުޅުން 32 އަހަރުވީ ހާދީއަށް ހަމަލަދިނީ ކުރޮޅިއެއްގައި އޭނާ ދަތުރު ކުރައްވަނިކޮށް ސައިކަލެއްގައި މޫނު ނިވާކޮށްގެންތިބި ބަޔަކު އައިސް ބަޑިންނެވެ. އެއްވެސް ހަށިފާރަވެރިޔަކު އަދި ސަލާމަތީގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ އެއްވެސް ފަރާތެއް ނެތެވެ. ވަރަށް ބޮޑަށް ޒަޚަމްވުމާއެކު އޭނާ އެންމެ ފުރަތަމަ ގެންދެވުނީ ޑާކާގެ މެޑިކަލް ކޮލެޖު ހަސްފަތާލަށެވެ. މިހާދިސާ ހިގާފައިވަނީ ޑިސެމްބަރު ބާރަވަނަ ދުވަހުއެވެ. އެތަނުގައި ތިންދުވަހު ބާއްވައިގެން ފަރުވާ ދިނުމަށްފަހު ޑިސެމްބަރު ފަނަރައިގައި ގެންދެވުނީ ސިންގަޕޫރަށެވެ. ސަރުކާރުގެ ޚަރަދުގައެވެ. އެތަނުގައި ފަރުވާ ދެމުން ގެންދަނިކޮށް އަވަހާރަވީ ޑިސެމްބަރު ނަވާރައިގައެވެ. އަވަހާރަވުމާއެކު ހަށިގަޑު ވެރިރަށް ޑާކާއަށް ގެނެސް ޕާލަމެންޓުގައި މޫނު ދެއްކުމަށްފަހު ގައުމީ ބަތޮލުން ފަސްދާނުލާ ޚާއްސަ ގަބުރުސްތާނެއްގައި ރަސްމީ އިއްޒަތުގައި ވަނީ ފަސްދާނުލައިފައެވެ. އޭނާ އަވަހާރަވުމާއެކު ހަމަނުޖެހުންތައް ފެށުނީ އިންސާފު ގާއިމުކޮށް ކުށްވެރިން އަތުލައިގަތުމަށް ގޮވާލައި ފެށި މުޒާހަރާތައް ހޫނުވުމުންނެވެ. ތަންތަނުގައި ހުޅުޖަހަން ފެށުމުންނެވެ.
މި ހަމަނުޖެހުންތަކުގައި ބައެއް ނޫސްތަކުގެ އޮފީސްތައް ވަނީ އަންދާލައިފައެވެ. އެއީ އިންޑިޔާއަށް ފަހި ލިޔުންތައް ޝާއިއުކުރާ ކަމަށް ގަބޫލުކުރެވޭ ނޫސްތަކެވެ. ކުރީގެ ބޮޑުވަޒީރު ހަސީނާއާއި އެކަމަނާގެ އަވާމީ ލީގު ޕާޓީއަށް ތާއީދުކުރާ ކަމަށް ފެންނަ ނޫސްތަކެވެ. މިދެންނެވި ތަންތަނުގައި ހުޅުޖެހީމާ އެތަންތަނުގެ ތެރޭގައި ތާށިވި ނޫސްވެރިން ސަލާމަތްކުރީ އަލިފާން ނިއްވާ ބްރިގޭޑުތަކުގެ މީހުން ގޮސްގެންނެވެ. އުސްމާން ހާދީއަށް ހަމަލަދިން މީހުން އަތުލައިގަތުމަށް ސަލާމަތީ ބާރުތަކުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު މިހާތަނަށް އެނގެނީ ވިއްސަކަށް މީހުން ހައްޔަރުކުރެވިފައިވާ ކަމާއި ސައިކަލުގައިގޮސް ބަޑިޖެހި ދެ މީހުންގެ ތެރެއިން އެކަކު ފިލައިގެން އިންޑިޔާއަށް އެތެރެވެފައިވާ ކަމެވެ. ކުރީގެ ބޮޑުވަޒީރު ހަސީނާއާއި އެކަމަނާގެ ދާޚިލީ ވަޒީރު އިންޑިޔާގެ ހިމާޔަތުގައި ތިއްބެވުމާއި އުސްމާން ހާދީ އަވަހާރަކޮށްލި ކަމަށް ގަބޫލުކުރެވޭ ގާތިލު އިންޑިޔާއަށް ވަނުމާއި މިހެންގޮސް މިބާވަތުގެ ކަންކަން މިހެން ހުރުމުން މިއީ އިންޑިޔާގެ އަތެއް އޮވެގެން ހިންގާފައިވާ ކަމެއް ކަމަށް ގަބޫލުކުރަން ވަރަށް ގިނަބަޔަކަށް ފަސޭހަވެއެވެ.
ކޮންމެއަކަސް ބަންގްލަދޭޝްގެ ގިނަބަޔަކު މިހާދިސާގެ ތުހުމަތު އަޅުވަނީ އިންޑިޔާގެ ބޮލުގައެވެ. ކިޔަވާކުދިންގެ އެކި ލީޑަރުން ވާހަކަ ދައްކަމުން ގެންދަނީވެސް އެގޮތަށެވެ. އުސްމާން ހާދީ އަވަހާރަކޮށްލި ގާތިލުން ބަންގްލަދޭޝްއާ ހަވާލުކުރަން އިންޑިޔާ އެއްބަސްނުވަނީސް ހަޅުތާލުތައް ހުއްޓާނުލާނެ ކަމަށްވެސް ބުނެއެވެ. އުސްމާން ހާދީ އަވަހާރަކޮށްލީ އިންޑިޔާއާ ދެކޮޅު އަޑުތައް ކަނޑުވާލައި ކުރިއަށް އޮތް އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށްވެސް ބުނެއެވެ. ބަންގްލަދޭޝްގައި މިވަގުތު އޮތީ ވަގުތީ ސަރުކާރެކެވެ. އިންތިޚާބު ބޭއްވެންދެނެވެ. މި ސަރުކާރުން ސީދާގޮތެއްގައި މިއީ އިންޑިޔާއިން ހިންގި އަމަލެކޭ ނުބުނެއެވެ. އެކަމަކު އިންޑިޔާއިން ކުރިކަމެއް ނޫނޭވެސް ނުބުނެއެވެ. ކޮންމެއަކަސް އިންޑިޔާއަށް އަމާޒުކުރެވޭ ތުހުމަތުތައް އިންޑިޔާގެ ރަސްމީ ފަރާތްތަކުން ވަނީ ދޮގުކޮށްފައެވެ. ބަންގްލަދޭޝްގެ އެތެރޭގެ ކަންކަމުގެ ތެރެއަށްވަދެ ނުފޫޒުފޯރުވުމަކީ އިންޑިޔާއިން ކުރާކަމެއް ނޫންކަމަށްވެސް ނިއުދިއްލީން ވަނީ ބުނެފައެވެ. އިންޑިޔާގެ މި ބުނުން ގަބޫލުކުރާ ބަޔަކު ބަންގްލަދޭޝްގައި ތިބިކަމަކަށް ނުފެނެއެވެ.
އިންޑިޔާގެ ބުނުންތައް ގަބޫލުކުރަން ފަސޭހަނުވާ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެތެރެއިން އެއްސަބަބަކީ ހަސީނާއަށް އިންޑިޔާއިން ހިމާޔަތް ދިނުމާއި އެކިޒާތްޒާތުގެ ސިޔާސީ ވާހަކަދެއްކެވުން ހުއްޓުވުމަށް އިންޑިޔާއިން މަސައްކަތް ނުކުރުމެވެ. ހަސީނާގެ މައްޗަށް ބަރިބަރިޔަށް ކޯޓުގައި ހުކުމް އިއްވިފައިވާއިރު އެކަމަނާ ބަންގްލަދޭޝްއާ ހަވާލުކުރަން އިންޑިޔާ އެއްބަސްނުވުމެވެ. އަވަހާރަކޮށްލެވުނު އުސްމާން ހާދީއަކީ އަބަދުވެސް އިންޑިޔާއަށް ތުރާލަކަށްވެފައިވާ ބޭފުޅަކަށްވުމެވެ. މީގެއިތުރަށް ބަންގްލަދޭޝްގެ ކޮންމެ އިންތިޚާބަކަށް ނުފޫޒު ފޯރުވުމުގެ ދިގު ތާރީޚެއް އިންޑިޔާއަށް ލިބިފައިވުމެވެ. އިންޑިޔާއިން އަބަދުވެސް މަސައްކަތް ކުރަނީ އިންޑިޔާއަށް އިސްކަންދޭ ސަރުކާރެއް ބަންގްލަދޭޝްގައި އޮތުމަށެވެ. އެކަން ހަގީގަތަކަށްވަނީ އަވާމީ ލީގު ޕާޓީއަށް ކާމިޔާބުލިބޭ ފަހަރުތަކުގައެވެ. އަންނަ ފެބްރުއަރީމަހުގެ މެދުތެރޭގައި ބާއްވާ އިންތިޚާބުގައި އަވާމީ ލީގު ޕާޓީގެ ބައިވެރިވުމެއް ނޯންނާނެއެވެ. އެޕާޓީ މަނާ ކުރެވިފައިވާތީއެވެ. މި ހާލަތުގައި އިންޑިޔާއިން ތާއީދުކުރާ އެހެން ބަޔަކު އެބަތިއްބެވެ. އެއީ އިންޑިޔާއާ ދެކޮޅުހަދާ މީހުންނާ ކުރިމަތިލާން ތައްޔާރު ކޮންމެ ބައެކެވެ.
ހަސީނާގެ ވެރިކަން ނިމުމަށްފަހު މިހާރު މިއޮތް ވަގުތީ ސަރުކާރަކީ އިންޑިޔާގެ ރުހުން އޮތް ސަރުކާރެއް ނޫނެވެ. ދޭތެރެ ދޭތެރެއިން ބޮޑެތި އަރައިރުންތަކެއް އޮންނަނީ ހިނގަހިނގައެވެ. އެކަމަކު އިންތިޚާބު ވަރަށް ކައިރިވެފައިވުމާއެކު ކަންކަން މާބޮޑުކޮށްލައިގެން އިންޑިޔާއާ ޖައްސާލައިގެން އުޅުމަކީ މިސަރުކާރު ބޭނުންވާ ކަމެއް ކަމުގައި ނުފެނެއެވެ. އުސްމާން ހާދީގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފައިސަލް ކަރީމް މަސްއޫދު އިންޑިޔާއަށް އެތެރެވިކަން ކަށަވަރެއް ނޫނޭ ބުނެ ރައްޔިތުން މައިތިރިވުމަށް ސަރުކާރުން އިލްތިމާސްކުރަނީ އެހެންވެއެވެ. ކޮންމެއަކަސް މިހާދިސާއިން އެއްކަމެއް ވަރަށް ސާފެވެ. ބަންގްލަދޭޝް އެއޮތީ ވަރަށް ނާޒުކް ފައްތަރެއްގައެވެ. ކުޑަކުޑަ އަލިފާން ކަންޏަކުންވެސް ބޮޑު ހުޅުގަޑެއް ފަޅައިގެން ހިގައިދާނެއެވެ. އުސްމާން ހާދީގެ މަރާގުޅިގެން ފެށިފައިވާ ހަމަނުޖެހުންތައް ވަކި އިމެއްގެ ތެރޭގައި މިވަގުތު ހިފެހެއްޓިފައިއޮތަސް އެކަންވެސް ކޮންޓްރޯލުން ނެއްޓިގެން ހިގައިދާނެއެވެ. ބޭރުގެ ނުފޫޒާއެކު ބަޔަކު ކުރާކަމަކުން އަނެއްކާވެސް ބަންގްލަދޭޝްގެ މަގުތައް ހަގުރާމައިގެ މައިދާންތަކަކަށް ބަދަލުވެދާނެއެވެ. އެހެންވެއްޖެނަމަ ފެބްރުއަރީމަހު އިންތިޚާބު ނުބޭއްވޭތަންވެސް އަތުވެދާނެއެވެ
އިމާދު ލަތީފު
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ކޮމެންޓް