ދުނިޔޭގައި ތިމާވެއްޓަށް ކުރާ އަސަރުތަކުގެ ވާހަކަތައް އަޑުއަހާނެ ބަޔަކު ނެތް ކަމަށާއި ނަމަވެސް ރާއްޖެއިން އެކަމަށް ވަކާލާތުކުރުމުގައި ދުލެއް ނުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ އެތެރެވެހީގައި މިރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" އިވެންޓުގައި ވާހަކަފަޅުދައްކަވަމުން ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ އަސަރުތައް އިތުރުވެގެންދާ ކަމަށާއި އެފަދަ ކަންކަން ކުރިމަތިވަނީ ރާއްޖޭގެ ސަބަބުން ނޫން ކަމަށެވެ.

"އެހެންނަމަވެސް މި އަޑުއަހާނެ ބަޔަކު ނެތް. މިކަމުގައި އިތުރަށް ވާހަކަދައްކަން ޖެހޭ. ރާއްޖެއިން ކަންކަން ދުލެއް ނުކުރާނެ. އަޅުގަނޑުމެންގެ އެފަޓް މިދިޔަ ދެ އަހަރު އިތުރުކުރީ. ވަރަށް ގިނަ މަސައްކަތް އެބަކުރަން. އެހެންނަމަވެސް އަޑެއް ނާހާ. ބިގް އެމިޓާސް، އެމީހުން އެ ބޭނުންވާ ގޮތަކަށް ދަނީ ކަންކުރަމުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޮޑެތި ގައުމުތަކުން ކުރާ ކަންކަމުގެ އަސަރުތައް ރާއްޖެ ފަދަ ކުދި ގައުމުތަކަށް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށާއި ކޮންމެ ކޮންފަރެންސެއްގައި ވެސް ކުދި ގައުމުތަކުން ދައްކަމުންދަނީ އެ ވާހަކަތައް ދެއްކި ނަމަވެސް، އެކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށެވެ.

ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ފަރާތުން ތިމާވެއްޓާ ގުޅޭ ކޮންފަރެންސްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އެފަދަ ކޮންފަރެންސްތަކުން ޒުވާނުންނަށް ފުރުސަތުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.