ދިރާގުން "ކަނޑުފަޅުގެ ގުޅުންތަކުގެ އަހަރެއް" މި ޝިއާރުގެ ދަށުން އެކުލަވާލައިފައިވާ އެ ކުންފުނީގެ 2026 ވަނަ އަހަރުގެ ކަލަންޑަރު ތައާރަފުކޮށްފިއެވެ.

އެ ކަލަންޑަރަކީ ކަނޑުފަޅުތަކުގެ ދިރުންތައް އެކަތި އަނެކައްޗަށް ބަރޯސާވާ ފަދައިން، ރާއްޖޭގައި އެކަކު އަނެކަކު ގުޅުވައިދިނުމުގައި ދިރާގުން އަދާކުރަމުންދާ މުހިންމު ދައުރާއި ހުރި މާނަވީ ގުޅުމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ކަލަންޑަރެކެވެ.

އެ ކަލަންޑަރު ތައާރަފުކުރުމަށް ބޭއްވި ހާއްސަ ހަފުލާއެއްގައި އެ ކަލަންޑަރު ތައާރަފުކޮށްދެއްވާފައިވަނީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދެވެ. އެ ހަފުލާގައި ދިރާގުގެ އިސް ވެރިންގެ އިތުރުން ކަނޑުތަކާއި ތިމާވެށި ހިމާއަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކާއި އަމަލީގޮތުން މަސައްކަތްތައް ކުރަމުންދާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

އެ ހަފުލާގައި ވާހަކަދައްކަވަމުން ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިރްޝާން ހަސަން ވިދާޅުވީ، ދިރާގުގެ މަގުސަދަކީ އެ ކަލަންޑަރުގެ އެހީގައި ރާއްޖޭގެ ވަށައިގެންވާ ތިމާވެށި ދެމެހެއްޓިނިވި ގޮތެއްގައި ރައްކާތެރިކުރުމަށް ކަނޑުފަޅުގެ ދިރުންތަކުގެ މުހިންމުކަން އަންގައިދީ، ކަނޑުތައް ރައްކާތެރިކުރުމަށް ބާރު އެޅުން ކަމަށެވެ.

"އަދި ކަނޑުތައް ރައްކާތެރިކުރުމަކީ ދިރާގުގެ ސީއެސްއާރުގެ ތެރެއިން ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ދާއިރާއަކަށްވާ އިރު، އަޅުގަނޑުމެންގެ އުންމީދަކީ މި ކަލަންޑަރުގެ އެހީގައި މިކަމަށް ހޭލުންތެރިކަން އިތުރުކުރުން،" މިރްޝާން ވިދާޅުވިއެވެ.

އެ ކަލަންޑަރުގައި ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކުގެ ރީތިކަން ދައްކުވައިދޭ ކުރެހުންތައް ވަނީ ހިމަނައިފައެވެ. އަދި ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަކޮށްފައިވަނީ ކަނޑުގައި ދިރިއުޅޭ ތަފާތު ދިރޭ ބާވަތްތައް އެކަތި އަނެކަތީގެ ދިރިހުރުމަށް އެއްބާރުލުންދޭ ގޮތުގެ މައްޗަށެވެ. އެ ގުޅުންތައް ބިނާވެފައިވަނީ އިންސާނުންނާއި ކަނޑުގެ ދިރުންތައް ގުޅިލާމެހިފައިވާ ފަދައިން، ކަނޑުގެ ދިރުންތައް ވެސް ކެއިންބުއިމަށާއި ރައްކާތެރިކަމަށާއި ދިރިއުޅޭ ތަން ބިނާކުރުމަށް އެކަތި އަނެކައްޗަށް ބަރޯސާވާ ގޮތުގެ މައްޗަށެވެ.

ރާއްޖޭގެ ގުޅުމުގެ ހައިސިއްޔަތުން، ދިރާގަކީ ދިވެހިރާއްޖެ ގުޅުވައިލަދިން ކުންފުންޏެވެ. އަދި ކަނޑަކީ ރާއްޖޭގައި އެކަތި އަނެކައްޗާއި ލާމެހިފައިވާ ގުޅުން ދައްކުވައިދޭ އެންމެ ވަރުގަދަ އެއް މިސާލެވެ. ރަށްތަކުގެ ތިމާވެށި ދެމެހެއްޓުމަށް ވިލު، ފަޅު އަދި ކަނޑުގެ މެރިން އިކޯސިސްޓަމްގައި ދިރިއުޅޭ މަސްމަހާމެއްސާއި ސޫފާސޫފީގެ މެދުގައި އޮތް ގުޅުން މުހިންމުވާ ފަދައިން، އެކަކު އަނެކަކާ ގުޅުވާލަދީ، ފުރުސަތުތަކަށް މަގުފަހިކޮށްދިނުމަށާއި، މުޖުތަމައުގެ ކުރިއެރުމަށް ދިރާގަކީ މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ.