މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ރިސްކް ޗެމްޕިއަނުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުން އައްޔަންކޮށް، އެ މުވައްޒަފުންނަށް ހާއްސަ އެވެއާނަސް ސެޝަނެއް މިއަދު ބާއްވައިފިއެވެ.

މީރުމާގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ރިސްކް ޗެމްޕިއަނުންނަށް އެވެއާނަސް ސެޝަން ނަންގައިދެއްވީ އެސިސްޓަންޓް އޮޑިޓާ ޖެނެރަލް އިބްރާހީމް ފަޒީލެވެ.

އެ ސެޝަނަށްފަހު، ރިސްކް ޗެމްޕިއަނުންނަށް އައްޔަންކުރި މުވައްޒަފުންނަށް ބެޖާއި ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. ބެޖާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ފަޒީލެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޗީފް ރިސްކް އޮފިސަރު (ސީއާރުއޯ) އިބްރާހީމް ރަޝީދު ވިދާޅުވީ ޕޯޓްތަކަކީ އެންމެ "ހައި ރިސްކް" މަސައްކަތުގެ މާހައުލެއް އޮތް ދާއިރާ ކަމަށާއި މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާއި މަސައްކަތުގެ މާހައުލު އޮތް ގޮތުން މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

"އެހެންވީމަ އެމްޕީއެލްއަށް އެބައޮތް (އެހެން ޕޯޓުތަކަށް ކުރިމަތިނުވާ) އިތުރު ރިސްކްތަކެއް. މިކަމަށް ރިއާޔަތްކޮށް، އަޅުގަނޑުމެން އެބަޖެހޭ މަސައްކަތްތައް ރޭވުމުގައި (ރިސްކުތަކަށް) ވަރަށް ބޮޑަށް ވިސްނަން،" ރަޝީދު ވިދާޅުވިއެވެ.

22 ޑިސެމްބަރު 2025، އެމްޕީއެލްގެ ރިސްކް ޗެމްޕިއަނުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުން އައްޔަންކޮށް، އެ މުވައްޒަފުންނަށް ހާއްސަ އެވެއާނަސް ސެޝަނެއް ބޭއްވުން -- ފޮޓޯ/ އެމްޕީއެލް

ރަޝީދު ވިދާޅުވީ އެމްޕީއެލްގެ ރިސްކް މެނޭޖްމަންޓް މަސައްކަތުގައި ރިސްކް ޗެމްޕިއަނުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ބައެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރިސްކް ޗެމްޕިއަނުންނަކީ ހަމައެކަނި ރިސްކް ރެޖިސްޓްރީތައް ބަލަހައްޓައި، ލިޔެކިޔުންތައް ހަމަކުރާ ބައެއްގެ ގޮތުގައި ނުތިބެ، ރިސްކް އިންފްލުއެންސާސްގެ ދައުރު އަދާކޮށް، އަމަލީ ގޮތުން ރިސްކްގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެ ބަޔަކަށްވުން،" ރަޝީދު ވިދާޅުވިއެވެ.

އެމްޕީއެލުން ބުނީ ރިސްކް ޗެމްޕިއަނުންނަކީ އެ ކުންފުނީގެ ރިސްކް މެނޭޖްމަންޓް ފްރޭމްވޯކް ވަރުގަދަކޮށް، ކުންފުނީގައި ރިސްކްތަކަށް ސަމާލުކަންދޭ، ހޭލުންތެރި މުވައްޒަފުންތަކެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ މުވައްޒަފުންތަކެއް ކަމަށެވެ. އަދި އެމްޕީއެލްގެ ކޮންމެ ޑިޕާޓްމަންޓަކުންވެސް ރިސްކް ޗެމްޕިއަނެއް އައްޔަންކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ މުވައްޒަފުންނަކީ އެ ކުންފުނީގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމަންޓާ ގުޅިގެން، ކުންފުނީގައި ރިސްކް މެނޭޖްކުރުމަށް އަހުލުވެރި މުވައްޒަފުންތަކެއް ބިނާކުރުމަށް މަސައްކަތްކުރާނެ ބައެއް ކަމަށާއި އަދި ކޮންމެ ޑިޕާޓްމަންޓަކުންވެސް ކުރަމުންދާ މަސައްކަތްތަކުގައި ހުރި ރިސްކުތައް ދެނެގަނެ، ރިސްކުތައް ކުޑަކުރުމަށް ރިސްކް ޗެމްޕިއަނުން މަސައްކަތްކުރާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.