ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ އެއާލައިން, އެމިރޭޓްސް އަށް ހިދުމަތް ދޭން ފަށައިފި އެވެ.

އެމްއޭސީއެލުން މިއަދު ބުނީ އާ ޓާމިނަލުން އެމިރޭޓްސް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހީމް ކަމަށެވެ.

އެ ރަސްމިއްޔާތުގައި އެމިރޭޓްސް އިން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރު ޖަބޭރު މުހައްމަދާއި އެމިރޭޓްސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

22 ޑިސެމްބަރު 2025" ވީއައިއޭގެ އާ ޓާމިނަލުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ އެއް އެއާލައިން, އެމިރޭޓްސް އަށް ހިދުމަތް ދޭން ފެށުން --- ފޮޓޯ/އެމްއޭސީއެލް
22 ޑިސެމްބަރު 2025" ވީއައިއޭގެ އާ ޓާމިނަލުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ އެއް އެއާލައިން, އެމިރޭޓްސް އަށް ހިދުމަތް ދޭން ފެށުން --- ފޮޓޯ/އެމްއޭސީއެލް

"އެމިރޭޓްސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 310 ފަސިންޖަރުންނަށް ހަދިޔާ ދީފައި. އަދި އާޓާމިނަލަށް ކައިރި ކުރި އެމިރޭޓްސްގެ ފުރަތަމަ ފްލައިޓް, EK660 އިން ރާއްޖެ އައި 298 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައި." އެމްއޭސީއެލުން ބުންޏެވެ.

މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން, އެމިރޭޓްސް އަކީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ޔޫއޭއީގެ ހަތަރު ވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 27 މެއި 1987 އެވެ.

އެމިރޭޓްސް އެއާވޭސް އާއެކު އާ ޓާމިނަލުން މިހާރު ދަނީ 36 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.