އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ، އޭއެފްސީންވެސް ގައުމުތަކުގެ މެދުގައި ނޭޝަންސް ލީގެއް ބާއްވަން ނިންމައިފިއެވެ.
ގައުމީ ޓީމުތަކުގެ މެދުގައި މިހާރު ނޭޝަންސް ލީގެއް ބާއްވަމުން އަންނަ ބައްރަކީ ޔޫރަޕެވެ. ޔޫރަޕްގެ ޓީމުތަކަށް ނޭޝަންސް ލީގު ބާއްވަމުން އަންނަނީ ފީފާގެ އިންޓަނޭޝަނަލް ބްރޭކްތަކުގެ ބޭނުންކޮށްގެންނެވެ. ސީޒަނުގެ ތެރެއިން އެ މުބާރާތް ކުރިއަށްދާ އިރު، އެ މުބާރާތް ވެގެން ދަނީ ގައުމީ ޓީމުތަކަށް ވާދަވެރި މެޗުތައް ހޯދަން ލިބޭ ރަނގަޅު ފުރުސަތަކަށެވެ.
އޭއެފްސީގެ އިތުރުން އެފްރިކާއިންވެސް ނޭޝަންސް ލީގެއް ބާއްވަން ނިންމާފައިވާ އިރު، އެފްރިކާއިން އެ މުބާރާތް ބާއްވަން ފަށާނީ 2029 ވަނަ އަހަރުން ފެށިގެންނެވެ. އޭޝިއާ މުބާރާތް ފަށާނެ އަހަރެއް އަދި އޭއެފްސީން އިއުލާނު ކޮށްފައެއް ނުވެއެވެ.
އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ވިންޑްސޯ ޖޯން ވިދާޅުވީ އޭއެފްސީ ގައުމުތަކުގެ ފެންވަރު މަތިކުރުމުގެ އިތުރުން، ގައުމީ ޓީމުތަކަށް މާލީ ގޮތުން އިތުރު ފުރުސަތުތައް ހޯދައިދޭން ނޭޝަންސް ލީގެއް މުހިއްމު ކަމަށާއި، އެ މުބާރާތް ބާއްވަން އޭއެފްސީން އެއްބަސްވެފައިވާ ކަމަށެވެ.
ވިންޑްސޯ އިތުރަށް ވިދާޅުވީ ނޭޝަންސް ލީގުގެ ފޯމެޓަކީ ހަރަދު ކުޑަކޮށް، ލޮގިސްޓިކް މަސައްކަތްތައްވެސް ކުޑަކޮށް ވާދަވެރި މެޗުތަކެއް ކުޅުމަށް ގައުމީ ޓީމުތަކަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.
އޭއެފްސީ
އޭއެފްސީ