ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްޕޯޓްސް ސްކޮލާޝިޕް ދިނުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ ބީއެމްއެލުން 2023 ވަނަ އަހަރު ދޭން ފެށި ސްޕޯޓްސް ސްކޮލާޝިޕް ވިދިވިދިގެން ދޭ ތިންވަނަ އަހަރެވެ.
ބީއެމްއެލުން ބުނީ އެ ސްކޮލާޝިޕް ޕްރޮގްރާމްގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުން ކަމަށާއި އެ ސްކޮލާޝިޕަށް އެތުލީޓުން ހޮވުމުގެ އެންމެހާ ކަންކަން ބަލަހައްޓާނީ އެމްއޯސީން ކަމަށެވެ.
ނޮމިނޭޝަންތައް ހުޅުވާނީ އެމްއޯސީގެ މެންބަރު އެސޯސިއޭޝަންތަކަށް ކަމަށާއި ބީއެމްއެލުން ހުރިހާ ހަރަދެއް ފޯރުކޮށްދޭ އެ ސްކޮލާޝިޕަށް ހޮވޭ އެތުލީޓުންނަށް ހައިޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ތަރައްގީކޮށް ކުރިއެރުވުމަށް އެ ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ.
"މި ސްކޮލާޝިޕް ދިނުމަށް އެމްއޯސީއާއެކު އެއްބަސްވުމުން، ރާއްޖޭގެ އެންމެ ރަނގަޅު އަދި އުންމީދީ ހުނަރު ކުރިއެރުވުމަށް މި ސްކޮލާޝިޕް މެދުވެރިކޮށް މަގުފަހިވާނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަން. ދިވެހި އެތުލީޓުންނަށް މިއަދު މި ކުރެވޭ އިންވެސްޓްމެންޓަކީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ކާމިޔާބީއަށް ވާސިލުވުމަށް ހުޅުވޭ ދޮރެއް،" ޝަރީފް ވިދާޅުވިއެވެ.
އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ، ސްޕޯޓްސް ސްކޮލާޝިޕް ދިނުމަށް ތިންވަނަ އަހަރަކަށް ބީއެމްއެލްއާއެކު އެއްބަސްވެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.
"މި އިދާރާއާއި ބޭންކުން ގުޅިގެން ހިންގާ މި އިންވެސްޓްމެންޓުން އެތުލީޓުންގެ ހުނަރު ތަރައްގީކޮށް އާ ފުރުސަތުތައް ހޯދައިދީ، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގުގައި ކާމިޔާބީ ހޯދުމަށް އެހީތެރިވެދޭނެ،" އޭނާ ވިދާޅުވިއެވެ.
ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ދޭން ފެށިފަހުން މިހާތަނަށް އަށް އެތުލީޓެއްގެ ޓްރެއިނިން ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ބީއެމްއެލްއަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތަކެއް ކުރަމުން އަންނަ ބޭންކެކެވެ. އެގޮތުން ސްވިމިން، ޓެނިސް، ބާސްކެޓްބޯޅަ އަދި ސާފިން އެސޯސިއޭސިއޭޝަންތަކާއެކު ގާއިމުކޮށްފައިވާ އެކި ޕާޓްނާޝިޕްތަކުގެ ދަށުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް