ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން އިޓަލީގެ ގައުމީ އެއާލައިން, އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.

އެމްއޭސީއެލުން މިއަދު ބުނީ އާޓާމިނަލުން އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގްބާލް އާދަމް އެވެ.

އެރަސްމިއްޔާތުގައި އައިޓީއޭ އެއާވޭސްގެ އައުޓްސްޓޭޝަން ކޯޑިނޭޓަރު, ޑެނިއެލް ޕިރާސް އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

20 ޑިސެމްބަރު 2025: ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލުން އިޓަލީގެ ގައުމީ އެއާލައިން, އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފެށުން --- ފޮޓޯ/ އެމްއޭސީއެލް

"އާ ޓާމިނަލުން އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 60 ފަސިންޖަރުންނަށް ހަދިޔާ ދީފައި. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އައިޓީއޭ އެއާވޭސްގެ ފުރަތަމަ ފްލައިޓް, AZ776 އިން ރާއްޖެ އައި 290 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައި." އެމްއޭސީއެލުން ބުންޏެވެ.

އައިޓީއޭ އެއާވޭސް އަކީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި އިޓަލީގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 18 ޑިސެންބަރު 2022 ގައެވެ.

އައިޓީއޭ އެއާވޭސް އާއެކު އާޓާމިނަލުން މިހާރު ދަނީ 35 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.