ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކުރާ ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތަކުގެ ޑައުންޕޭމަންޓު ބޮޑުތަނުން ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިހާރު އޮންނަ ގޮތުން ތިން ކޮޓަރީގެ ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ނަގަނީ 25،000 ރުފިޔާއެވެ. އަދި މެއިންޓެނަންސް ފީއާއެކު މަހު ކުލީގެ ގޮތުގައި ނަގަނީ 10،500 ރުފިޔާއެވެ. މިހާރު ދެ ކޮޓަރީގެ ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ނަގަނީ 15،000 ރުފިޔާއެވެ. އަދި މެއިންޓެނަންސް ފީއާއެކު މަހު ކުލީގެ ގޮތުގައި ނަގަނީ 7،000 ރުފިޔާއެވެ.

ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސަލާހުއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތިން ކޮޓަރީގެ ފުލެޓުތަކުގެ ޑައުންޕޭމަންޓު 8،000 ރުފިޔާއަށް ކުޑަކޮށް، ދެ ކޮޓަރީގެ ފުލެޓުތަކުގެ ޑައުންޕޭމަންޓު 6،000 ރުފިޔާއަށް ކުޑަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

"މިހުރިހާ ކަމަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ލުއިތަކެއް ގެނެސްދޭން މިހާރު މިވަނީ ނިންމާފައި. އޭގެ ތެރެއިން އެއްކަމަކީ ތިން ކޮޓަރި ލިބުނު ފަރާތްތަކުގެ މިހާރު މަހުންމަހަށް އޮންނަ އަގާ އަދި މެއިންޓަނެންސްއާ ހުރިހާ އެއްޗެއް އެއްކޮށް މިއޮތީ ޓޯޓަލް އަގަކަށް އަދަދަކަށް 10،500 ރުފިޔާ. އެ އަދަދު 10،000 ރުފިޔާއަށް ކުޑަކޮށް އަދި އެޑްވާންސް ޕޭމެންޓް 25،000 ރުފިޔާ، 8000 ރުފިޔާއަށް ކުޑަކުރެވިގެން ދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ދެން ހަމައެއާއެކީގައި 7،000 ރުފިޔާ ދައްކަން މި އޮންނަނީ ދެ ކޮޓަރީގެ ފަރާތްތައް. އެ އަދަދު މި ކުޑަކުރެވިގެން ދަނީ 6،000 ރުފިޔާއަށް. ޓޯޓަލް މިހާރު ދައްކަންޖެހޭ އަދަދުން 1،000 ރުފިޔާ ކުޑަވެގެންދާނެ. ހަމަ އެއާ އެއްގޮތަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާ އަދަދުވެސް އެއްމަހުގެ ކުއްޔަށް ވާވަރަށް ނޫނީ އެއްމަހު ދައްކަންޖެހޭ އަދަދަށް ކުޑަވެފައި އޮންނާނެ،"

ރައީސް ވިދާޅުވީ އެފްޑީސީ ފުލެޓުތަކުގެ ހުރިހާ މަސައްކަތެއް ކުރިއަށްއޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިމެނޭ ކަމަށާއި ނިމުމުން އެތަނުގައި މީހުންނަށް ދިރިއުޅެން ފެށޭނެ ކަމަށެވެ.

އެފްޑީސީން މަސައްކަތްކުރަމުންދަނީ ދިރާސީ އާ އަހަރު ނިމެންވާއިރަށް ފުލެޓު ލިބުނު ހުރިހާ ފަރާތްތަކަށް ފުލެޓުތަކަށް ވަދެވޭނެ ގޮތް ހެދުމަށެވެ. މި މަސް ފެށެންވާއިރަށް ހުރިހާ ފަރާތްތަކަށް ފުލެޓުތަކަށް ވަދެވޭނެ ކަަމަށް ރައީސް ވެސް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.