ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުނެގުން އަންނަ ހޮނިހިރު ދުވަހު ފެށުމަށް ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލް ހޯލުގައި. ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި މި މިނިސްޓްރީގެ މުވައްޒަފުން،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ގުރުނެގުން ކުރިއަށްދާ އިރު، ގިނަ ބައެއްގެ ނަންމަތީގައި ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ހޯލަށް ވަދެވޭނެ ކަމަށެވެ. އަދި އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލުން ފެންނަން ހުންނާނެ ކަމަށެވެ.
ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، މިދިޔަ މަހުގެ 10 ގައި ވަނީ އަލުން ފަށައިފައެވެ. އެ މަސައްކަތް މީގެ ކުރިން މެދުކެނޑިފައިވަނީ އެ މަސައްކަތް ހަވާލުކުރި ކުންފުނި ކަމަށްވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮންޕެނީ (ސީއެމްސީސީ)އިން އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމުގެ ސަބަބުންނެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހި ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންގޮސް މިހާރު ވަނީ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 31.5 ހެކްޓަރު ހިއްކައި ނިންމައިފައެވެ. ކުރިއަށްއޮތް ދޮޅު މަހެއްގެ ތެރޭ އެ މަސައްކަތް ނިމޭނެކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްއޭސީއެލުން މައުލޫމާތުދެއެވެ.
ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އިތުރު ޑްރެޖަރެއް ގެނެސް، ނޮވެމްބަރު މަހުގެ 28 އިން ފެށިގެން އެ މަސައްކަތްކުރަމުންދަނީ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު ވިދާޅުވެފައިވާ ގޮތުގައި މިމަހުގެ ނިޔަލަށް ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެއެވެ.
ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިމަހުގެ އަށްވަނަ ދުވަހު ކަލާފާނު ސްކޫލުގައި ބޭއްވި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ މިމަހުގެ ހުޅުމާލޭ ފޭސް ތިނެއްގެ މަސައްކަތް ނިމުމާއެކު، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތަށް އެ ޑްރެޖަރުތައް ދާނެ ކަމަށާއި އަދި ގިރާވަރުފަޅުގެ މަސައްކަތް ވެސް ތިން މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ. ހުޅުމާލޭ ފޭސް ތިނަކުން އަންނަ މަހު ގޯތިތައް ހަވާލުކުރަން ފެށޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތަށް އިތުރު ޑްރެޖަރެއް ގެނައުމުގެ އިތުރުން ރަސްމާލެ ހިއްކުމަށް ވެސް ވަނީ ޑްރެޖަރެއް ގެނެސްފައެވެ. އެއީ ދުނިޔޭގައި ހުރި އެންމެ ބޮޑެތި ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށްވާ، ޖާން ޑެ ނަލް ކުންފުނީގެ "ކްރިސްޓޯބަލް ކޮލޯން" އެވެ. އެ ޑްރެޖަރުން ރަސްމާލެ ހިއްކަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ވެސް އަންނަ މާޗް ނުވަތަ އޭޕްރީލް މަހު އެއްކޮށް ނިންމައިލެވޭނެއެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ގިނަ މަޝްރޫއުތައް ކުރިއަށްގެންދާ ރަސްމާލެ ތަރައްގީކުރަނީ ޕްލޭންގައި 25،000 ގޯތިދިނުމަށް ހިމަނައިގެންނެވެ. އެގޮތުން އެތަނުން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން 10،000 ގޯތި ދޫކުރަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި މާލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ މީހުންނަށް 3،000 ގޯތި ހާއްސަކުރުމަށް ވެސް ވަނީ ނިންމައިފައެވެ. އެ ގޯތިތަކަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.
ފާތިމަތު ލިއުޝާ
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3