ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ވިއުގަ ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ހުޅުމާލެ ފޭސް ދޭއްގައި އަލަށް ދެ އޭޓީއެމް ސެންޓަރު ހުޅުވައިފިއެވެ.
އެ އޭޓީއެމްތައް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފުގެ އިތުރުން ބީއެމްއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލުން މިއަދު ބުނީ ފޭސް ދޭއްގައި ފެށި އޭޓީއެމް ހިދުމަތުގެ ސަބަބުން ރުފިޔާއާއި ޑޮލަރުގެ މުއާމަލާތްކުރުމަށް ބޮޑު ލުއިފަސޭހަކަމެއް ފޭސް ދޭއްގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
އަދި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތްތައްވެސް ފަސޭހަކަމާއެކު ލިބެން ހުންނާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ ފޭސް ދޭއްގައި އެ ބޭންކުގެ ހިދުމަތް ފުޅާކުރުމަށް ހިޔާ ޓަވަރުގެ 6 އާ ޖެހިގެން އޮންނަ ބިމުގައި ރުފިޔާ އޭޓީއެމް ސެންޓަރެއް ގާއިމުކޮށް، އެކު ހިޔާގައި (ސްޓެލްކޯ ފުލެޓުތައް ކުރިމަތީގައި) ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށެވެ.
އޭޓީއެމްތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ ބީއެމްއެލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ފަސޭހަކަމާއެކު މަލީ ހިދުމަތްތަކަށް ވާސިލުވެވޭނެ ގޮތަަކަށް ކަންތައް ކުރުމަށް ކަމަށެވެ.
"ހުޅުމާލެ ފޭސް 2 އަކީ ކުރިއަރަމުން އަންނަ ސަރަހައްދެއް. މި އޭޓީއެމް ސެންޓަރުތަކުން ރަމްޒުކޮށްދެނީ ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ފަސޭހަ އަދި އިތުބާރު ހިފޭ ހިދުމަތެއް ފޯރުކޮށްދިނުމަށް މި ބޭންކުން ދޭ އަހުމިއްޔަތުކަން،" ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލުން ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، އަދި 267 އޭޓީއެމް ގާއިމުކޮށްފައެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކުންނާއި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތްވެސް ބީއެމްއެލުން ދަނީ ފޯރުކޮށްދެމުންނެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް