ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން ރާއްޖެ އިސްތިހާރުކޮށް، ގައުމުގެ ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަ ކުރުމަށާއި ޑިޖިޓަލް ޕޭމަންޓް ހައްލުތައް ހަރުދަނާކުރުމަށާއި ޓޫރިޒަމް ކުރިއެރުވުމުގެ މަސައްކަތްތައްކުރަން ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބީއެމްއެލުން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން ބީއެމްއެލް، ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން، ޔޫނިއަންޕޭ ކާޑު މެންބަރުންގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ޕްރޮމޯޓުކުރުމަށް މަސައްކަތް ކުރާނެއެވެ. އެގޮތުން ރާއްޖޭގެ ތަފާތު މުހިންމު ކަންކަން ފާހަގަކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރު ކުރުމަށް މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން، ޔޫނިއަންޕޭ އިން ވަނީ ބީއެމްއެލްއަކީ ޔޫނިއަންޕޭ ކާޑުތަކުން ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ސެޓްލްމެންޓް އެޖެންޓް ބޭންކްގެ ގޮތުގައި ހަމަޖައްސައިފައެވެ. މި ސެޓްލްމެންޓް ފްރޭމްވޯކަކީ ޔޫނިއަންޕޭ އާއެކު މިހާރަށްވުރެ ވަރުގަދަ ގުޅުމެއް ބިނާކުރުމަށް އެޅޭ ބިންގަލަކަށް ވެގެންދާނެ ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.
މި އެއްބަސްވުންތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިފަދަ މުހިންމު ޕްރޮޖެކްޓެއްގައި ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސްއާއެކު ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ޑިޖިޓަލް ޕޭމަންޓް އިކޯސިސްޓަމް އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމެއް. ޔޫނިއަންޕޭ ކާޑުތަކުން ކުރާ މުއާމަލާތްތަކުގެ ސެޓްލްމެންޓް އެޖެންޓް ބޭޏްކެއްގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެން ދިއުމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރައްކާތެރި އަދި ލުއިފަސޭހަ ޕޭމަންޓް ސޮލިއުޝަންތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމުގެ ރަމްޒެއް،" ޝަރީފް ވިދާޅުވިއެވެ.
ބޭންކުގެ ކާޑު މެޝިންތަކުންނާއި މާޗަންޓް ޕޯޓަލްގައި ޔޫނިއަންޕޭ ކާޑުތައް މިހާރުވެސް ބަލައިގަނެއެވެ. ބީއެމްއެލުން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަރކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވޭސިން ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެއެވެ.
ބީއެމްއެލްގެ މާޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މާޗަންޓުންނަށް ފުރިހަމަ އޮންލައިން މާލީ ހައްލުތަކެއް ފޯރުކޮށްދީ، ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައި، މުއާމަލާތްތައް ހަރުދަނާކަމާއެކު މޮނިޓާކުރުމާއި، އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދެއެވެ.
އާއިޝަތު މާހާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް