ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭސިން ޕޭ ނުވަތަ ދުނިޔޭގެ މާކެޓްގެ އާންމު ނަމުންނަމަ ވީޗެޓް ޕޭ އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ ވޭސިން ޕޭ އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށް، ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ހައްލުތައް ހަރުދަނާކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެހީތެރިވުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެވިފައިވާ ކަމަށެވެ.
ބީއެމްއެލް އާއި ވޭސިން ޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެދުގައި ގާއިމުކުރެވުނު އެ ސްޓްރެޓްޖިކް އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
އެގޮތުން ރާއްޖެ މާކެޓުކުރުމާއި ފަތުރުވެރިންގެ އެންގޭޖްމެންޓް އިތުރުކުރުމާއި ޑިޖިޓަލް ހަރަކާތްތައް އިތުރުކުރުމާއި ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށާއި ހާއްސަކޮށް ޗައިނާގެ ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
އޭގެ އިތުރުން، ދިވެހި އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފައިސާގެ މުއާމަލާތްތަކުގައި ބަޔޯމެޓްރިކްސް ފަދަ އިޖާދީ ގޮތްތައް ބޭނުންކޮށްގެން ލުއިފަސޭހަކަމާއެކު ފައިސާ ދެއްކުމަށް ހުރި ފުރުސަތުތައް ބީއެމްއެލްއާއި ވޭސިން ޕޭ ގުޅިގެން އިތުރަށް މުރާޖައާ ކުރަމުންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލް އާއި ވޭސިން ޕޭ ގުޅިގެން ވަނީ ވޭސިން ޕޭ އެކޯސިސްޓަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ވެސް ބާއްވައިފައެވެ. އެ ސެޝަނުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިން، ވޭސިން ޕޭ ބޭނުންކޮށްގެން މުދަލާއި ހިދުމަތަށް ފަސޭހަކަމާއެކު ޑިޖިޓަލް ޕޭމަންޓް ހެދޭނެ ގޮތްތަކާއި އެ ހިދުމަތްތައް ބޭނުންކޮށްގެން ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން އެ ސެޝަނުގެ ބައިވެރިވި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރިސޯޓުތަކުގެ މަންދޫބުންނަށް މައުލޫމާތުދީ އެކަމާ ގުޅޭ މަޝްވަރާކުރެވުނެވެ.
އެ އެއްބަސްވުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ވޭސިން ޕޭ އާއި ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ފަތުރުވެރިންނާއި ވިޔަފާރިތަކަށް ފައިސާދެއްކޭނެ އީޖާދީ އަދި ރައްކާތެރި ގޮތްތައް ހަމަޖެހިގެން ދިއުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.
"ބަޔޯމެޓްރިކް ބޭނުންކޮށްގެން ފައިސާ ދެއްކޭ ފަދަ ޓެކްނޮލަޖީތަކާއެކު ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ. މީގެ ސަބަބުން އެކި ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަވެ ފަތުރުވެރިންގެ އުންމީދުތައް ހަގީގަތަކަށް ހަދައި ފަތުރުވެރިކަން ކުރިއެރުމަށް އެހީތެރިވެދޭނެ،" ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލުން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓާކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވޭސިން ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެއެވެ. ބީއެމްއެލްގެ މާޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މާޗަންޓުންނަށް ފުރިހަމަ އޮންލައިން ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދީ، ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައި، މުއާމަލާތްތައް ހަރުދަނާކަމާއެކު މޮނިޓާކުރުމާއި، އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދެއެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް