ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތަކުގެ މައްސަލަ ހައްލުކުރުމަކީ މާލޭ ސިޓީ ކައުންސިލުގެ ޒިންމާއަކަށް ވިޔަސް އެކަމަށް ހައްލެއް އަދިވެސް ގެނެސްދެވިފައި ނުވާތީ، އެ މައްސަލައަށް ސަރުކާރުން "އިންޓަވީންކޮށް" އެކަން ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސިނަމާލެ އާއި މާލޭ ހިޔާގެ ހާލަތު ހުރި ގޮތެވެ. އެގޮތުން އެ ފްލެޓުތަކަށް ވިއްސާރަ ދުވަސްވަރު ވާރޭވެހުމާއި އެތަނުގެ ކުއްޔާއި ޖޫރިމަނާގެ ކަންބޮޑުވުން ހިމެނެއެވެ.

ރައީސް ވިދާޅުވީ، ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތަކުގެ ޖޫރިމަނާ އެ މަނިކުފާނުގެ މޭޔަރުކަމުގައި މާފުކޮށްދީފައިވާނެ ކަމަށާއި އެހެންކަމުން އަލުން ޖޫރިމަނާ ދައްކަން އަންގައިގެން ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ފްލެޓްގެ މެއިންޓެނަންސަކީ ކައުންސިލްގެ ޒިންމާއެއް ނަމަވެސް، އެކަން ނުކުރެވި އޮތް އޮތުމާއި، އެތަނަށް ދައްކަން ހުރި ފައިސާގެ ކަންތައްވެސް އެއީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމަށެވެ.

"ކައުންސިލުން ކުރަން ޖެހޭ ކަންކަން ކައުންސިލަކަށް ނުކުރެވުނު. އެހެންކަމުން ސަރުކާރުން އެކަމުގެ ސްޓެޕްއިންކޮށްގެން، ކޮންމެ ގޮތެއްވިޔަސް ރައްޔިތުންގެ ބޯހިޔަވިކަން އެއީ އުޅެމުންދާ ތަންތަން އެއީ، އެތަނެއްގެ ތެރޭގައި ދަތިތަކެއް ތަހައްމަލުކުރަން ޖެހޭ ތަންތަން." ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތައް ތަޅާލައި، އެ މީހުން ދިރިއުޅެން އެހެން ފްލެޓްތަކެއް އަޅަން ވަނީ ނިންމައި އެކަމުގެ ޑިޒައިނިންގެ މަސައްކަތްވެސް ބަޔަކާ ހަވާލުކޮށްފައެވެ.