ނުގަވާއިދުން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގެ ތެރެއިން މަސާޖު ޕާލާތައް ހުއްޓުވުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް، 52 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީން ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސާޖު ޕާލާތައް ހިންގާ ތަންތަން ބަލައި ފާސްކުރުމަކީ ފުލުހުންނާއި އިމިގްރޭޝަނުން އަބަދުވެސް ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު މިހާރު އެކަމަށް އިތުރު ފޯކަސްއަކާއެކު އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"މިކަމާ ގުޅޭ އިދާރާތައް އެއްވެ، މިކަމުގައި އިތުރު ހިތްވަރެއްލައި ނޫނިއްޔާ އިތުރު ރިސޯސްތައް އިތުރުކޮށްގެން ހާއްސަ އޮޕަރޭޝަނެއް މިމަހުގެ ނުވަވަނަ ދުވަހު ފެށި. ފަށައިގެން މިއަދަށް އަދި މި 16 ވަނަ ދުވަސް. މިދިޔަ މި ކުޑަ ދުވަސްކޮޅު ތެރޭގައި މި ކުރެވުނު މަސައްކަތުން 52 މަސާޖު ޕާލާ ބަންދުވެއްޖެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ 52 މަސާޖު ޕާލާގެ ތެރެއިން 26 ތަނެއް އެ އޮޕަރޭޝަންގެ ތެރެއިން ވަދެ ފާހަގަކުރެވިފައިވާ ކަންކަމަށް ބަލައި އުސޫލުން ބަންދުކުރި ކަމަށާއި އަދި 28 ތަނެއް އަމިއްލައަށް ބަންދުކުރި ކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި ވެސް އެ އޮޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނުގަވާއިދުން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ދެ ހަފުތާގެ ތެރޭގައި ބިދޭސީން ހިންގާ 37 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށާއި އެކަންކަމަކީ މީގެ ކުރިން އެއްވެސް ވަރަކަށް ފިޔަވަޅު އެޅިފައިނުވާ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.