ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހެދި 4000 ފުލެޓުގެ ޑައުންޕޭމަންޓާއި ކުލި ބޮޑުވުމުގެ ކަންބޮޑުވުންތަކަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީން ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ބައެއް ފަރާތްތަކުން ވަނީ ފުލެޓަށް ދައްކަންޖެހޭ 25،000 ރުފިޔާގެ ޑައުންޕޭމަންޓާއި ކުލި ބޮޑުކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި ސަރުކާރުން ފުލެޓުދީފައިވަނީ ޕޮއިންޓުތަކަށް ބަދަލު ގެނެސްގެން ކަމަށްބުނެ ކުރި ތުހުމަތަކަށް ވެސް ރައީސް ވަނީ ރައްދުދެއްވައިފައެވެ.

ރައީސް ވިދާޅުވީ ޑައުންޕޭމަންޓާއި ކުލީގެ ކަންބޮޑުވުންތަކާ ގުޅިގެން ގެނެވޭނެ ބަދަލަކާ މެދު ވަރަށް ސީރިއަސްކޮށް ވިސްނަވާނެ ކަމަށާއިި އެ ކަންބޮޑުވުންތަކަށް އެންމެ ރަނގަޅު ހައްލު ގެނެސްދެއްވާނެ ކަމަށެވެ.

"ޑައުންޕޭމަންޓް އުނިކޮށްލުން ނޫނީ ކޮން ބަދަލެއްތޯ، އަދި މި މަހުންމަހަށް ދައްކަންޖެހޭ ވަރު، އެއަށް ކޮން ކަހަލަ ބަދަލެއްތޯ ގެނެވޭނީ. އަޅުގަނޑުމެން ގޮސް ބަލާނަން. ބަލާފައި މިކަމުގައި، މި އިޝޫގައި ގެނެވެން އޮތް އެންމެ ރަނގަޅު ބަދަލެއް. ހަމަ އެންމެ ރަނގަޅު ހައްލެއް އަޅުގަނޑު ގެނެސްދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ތުހުމަތުތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ 4000 ފުލެޓު ދިނުމަށް ޕޮއިންޓު ބަދަލުކޮށްފައި ނުވާނެ ކަމަށާއި މިދިޔަ ސަރުކާރުން 74 ޕޮއިންޓު ލިބުނު އެއްވެސް މީހަކަށް ޕޮއިންޓު ބަދަލުކޮށްގެން ފުލެޓެއް ދީފައި ނުހުންނާނެ ކަމަށެވެ. އަދި އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"އަޅުގަނޑު މި ދަންނަވަނީ ހަމަ ވަރަށް ފާމްކޮށް، ވަރަށް ސާފުކޮށް، ވަރަށް ޔަގީންކަމާ އެކީގައި ނުދެން އެގޮތަކަށް. މިދިޔަ ސަރުކާރުން ފުލެޓު ދިން މީހުންނަށް، ދޭން ނިންމާފައިވާ 76 އިން ފެށިގެން މައްޗަށް ހުރި މީހުންނަށް. އަދި 75 ގައި އެ އޮންނަ އުސޫލަކުން ވެސް މިދިޔަ ސަރުކާރުން ކަނޑައަޅާފައި އޮތް ގޮތަކަށް ނޫނިއްޔާ އެއްވެސް މީހަކަށް ބަދަލެއް ނުގެންނަން. އެގޮތަށް އެހުރީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ފުލެޓުތަކަށް މީހުންނަށް ވަދެވޭނެ ކަމަށާއި އަންނަ ހަފުތާތެރޭ ފުލެޓުތަކުގެ ހުރިހާ މަސައްކަތެއް ނިންމާލުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ފުލެޓު ލިބުނު ހުރިހާ ފަރާތްތަކަށް މިމަހުގެ ނިޔަލަށް އެ ފުލެޓުތަކަށް ވަދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.