ޑިރެކްޓަރު ނީރަޖް ގަޔްވާންގެ "ހޯމްބައުންޑް" ފިލްމު، އޮސްކާރ އެވޯޑްސްގެ 98 ވަނަ އިވެންޓްގެ ބެސްޓް އިންޓަނޭޝަނަލް ފީޗަރ ފިލްމު ކެޓަގަރީއަށް ޝޯޓްލިސްޓް ވެއްޖެއެވެ. މިފިލްމުން ފެނިގެންދަނީ އިޝާން ކައްތަރާއި، ވިޝާލް ޖެތުވާ އަދި ޖާންވީ ކަޕޫރެވެ.

ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް ވަނީ މިކަމާ ވަރަށް ބޮޑަށް އުފާވެ، އޭނާގެ އިހުސާސްތައް ބަޔާންކުރަން ނޭނގޭކަމަށް ބުނެފައެވެ. އެކެޑެމީ އޮފް މޯޝަން ޕިކްޗަރ އާޓްސް އެންޑް ސައިންސަސްއިން 12 ކެޓަގަރީއެއްގެ ޝޯޓްލިސްޓު އިއުލާނުކުރިއިރު، އިންޓަނޭޝަނަލް ފީޗަރ ފިލްމު ކެޓަގަރީއަށް 15 ފިލްމެއްް ވަނީ ކުރިއަރައިފައެވެ. މި 15 ފިލްމުގެ ތެރެއިން ފަހުގެ 5 ފިލްމު އިއުލާނުކުރާނެ އެވެ. ޝޯޓްލިސްޓް ވި އެހެން ފިލްމުތަކުގެ ތެރޭގައި ފަލަސްތީނުގެ "ޕަލެސްތީން 36" އަދި ޓިއުނީޝިއާގެ "ދަ ވޮއިސް އޮފް ހިންދޫ ރަޖަބް" ހިމެނެއެވެ. ފައިނަލް ނޮމިނޭޝަންތައް އަންނަ އަހަރުގެ ޖެނުއަރީ 22 ގައި އިއުލާނުކުރާނެއެވެ. 98 ވަނަ އެކެޑެމީ އެވޯޑްސް ބާއްވާނީ އަންނަ އަހަރުގެ މާޗް 15 ގައެވެ.

"ހޯމްބައުންޑް" އޮސްކާއަށް ޝޯޓްލިސްޓް ވި ހަބަރު ދަރްމާ މޫވީސްގެ ރަސްމީ އެކައުންޓުން ވަނީ ހިއްސާކޮށްފައެވެ. ކަރަން ޖޯހަރް ވަނީ އިންސްޓަގްރާމްގައި ފިލްމުގެ ކާސްޓާއި ކްރޫއަށް ޝުކުރު އަދާކޮށްފައެވެ.

"ހޯމްބައުންޑް" އަކީ ކުޑައިރުގެ ރަހުމަތްތެރީން ކަމަށްވާ ޝޯއިބް (އިޝާން ކައްތަރް) އާއި ޗަންދަން (ވިޝާލް ޖެތުވާ) ފުލުހުންނާ ގުޅުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. ޖާންވީ ކަޕޫރްގެ ކެރެކްޓަރ މި ފިލްމުގެ ވާހަކައަށް އިހުސާސީ ބައިތައް އިތުރުކޮށްދެއެވެ. ނެޓްފްލިކްސްގައި މި ފިލްމު ރިލީޒްކޮށްފައިވަނީ ނޮވެމްބަރ 21 ގައެވެ. ކާންސް ފިލްމު ފެސްޓިވަލްގައި ދުނިޔޭގެ ފުރަތަމަ ޕްރިމިއަރ ކުރި މި ފިލްމު، ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ވެސް ވަނީ ދައްކާފައެވެ. މި ފިލްމު ބިނާވެފައިވަނީ ނޫސްވެރިޔާ ބަޝާރަތް ޕީރްގެ އާޓިކަލެއްގެ މައްޗަށެވެ.