ޓާކިޝް އެއާލައިންސްގެ ފުލައިޓެއް އިމަޖެންސީގައި ލަންކާއަށް ޖައްސައިފިއެވެ.

ޓާކިޝް އެއާލައިންސްގެ ފުލައިޓު ޓީކޭ 733 ލަންކާގެ ކޮލަމްބޯގައި ހުންނަ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން ތުރުކީގެ އިސްތަންބޫލު އެއާޕޯޓަށް ދަތުރުކުރުމަށް ރޭގެ ވަގުތެއްގައި ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭ އެ ފުލައިޓުގެ ލޭންޑިން ގިއަރަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވަނީ ކޮލަމްބޯއަށް އެނބުރި ޖައްސައިފައެވެ.

ޖުމުލަ 202 ފަސިންޖަރުންނާއި ދިހަ ކުރޫއިން ދަތުރުކުރި އެ ފްލައިޓުގެ ލޭންޑިން ގިއަރަށް މައްސަލަ ދިމާވުމާއެކު އެކަން އެއާޕޯޓަށް އަންގައި ފްލައިޓު އިމަޖެންސީގައި ޖެއްސުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ފެށި ކަމަށް އޮފިޝަލުން ބުނެއެވެ.

ކޮލަމްބޯގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު ކުއްލި ހާލަތަކަށް ގެނެސް، އިމަޖެންސީ ހިދުމަތްތެރިން ތައްޔާރީ ހާލަތަކަށް ގެނައިކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

ފުލައިޓުގައި މައްސަލަ ޖެހިފައިވަނީ ނައްތާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށްވުމާއެކު ފުލައިޓު އަނބުރާ ޖެއްސުމަށް އެކަށޭނަ ބަރުދަނެއް ޔަގީންކުރުމަށް ރަންވޭ ހިމެނޭ ސަރަހައްދުގައި ތެޔޮ ހުސްކުރުމަށް ވަނީ ދުއްވައިފައެވެ.

ރިޕޯޓުތަކުން ބުނީ ފުލައިޓު ރައްކާތެރިކަމާއެކު ލަންކާއަށް ޖައްސާފައިވާ ކަމަށާއި ފަސިންޖަރުން އެމީހުންގެ މަންޒިލަށް ފޮނުވުމަށް ކުރަން ޖެހޭ ކަންކަން އެއާލައިންގެ ފަރާތުން ކުރަމުން އަންނަ ކަަަމަށެވެ. އަދި ފުލައިޓަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.