ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިންފޮމޭޝަން އޮފިސަރުން އައްޔަނުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ކުންފުނިތަކުން ހޯދަން އެދި ހުށަހަޅާ މައުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރުމަށް ހާއްސަ އޮފިސަރުން އައްޔަނުކުރަން ޖެހޭނީ އެ ކުންފުނިތަކުގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށާއި އެ އޮފިސަރުންނަކީ ގާނޫނަށް ފަރިތަ އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ ބެހޭ އެންމެހާ އުސޫލުތަކަށް ފަރިތަ ބަޔަކަށްވުމަކީ މުހިންމު ކަމެއް ކަމަށް ކަމަށެވެ.

ޕީސީބީން ބުނީ އައްޔަނުކުރެވޭ އިންފޮމޭޝަން އޮފިސަރު ބޭނުންކުރާ އީމެއިލް އެޑްރެހަކީ އާންމު އެއް އީމެއިލް އެޑްރެހެއް ކަމުގައިވުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އިންފޮމޭޝަން ކޮމިޝަނަރު ބަދަލުވާ ހާލަތުގައިވެސް އާރުޓީއައިތަކަށް ފަސޭހައިން ޖަވާބުދެވޭނެތީ ކަމަށެވެ.

ޕީސީބީން ވަނީ އެ ބޯޑުން އަންގާ އެންގުންތަކަށް ތަބާވުމަކީ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމު ކަމެއްކަން ހަނދާން ކޮށްދީފައެވެ.

ޕީސީބީން މިފަދަ ސާކިއުލާއެއް ނެރެނު އިރު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށްދޭން ޖެހެނީ ދައުލަތުގެ އިދާރާތައް ކަމަށް ބަޔާންކޮށްފައި އޮންނާތީ ބައެއް މައުލޫމާތުތައް ހޯދުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.