އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށް ގެންދާ 'އެސްޓީއޯ ރަމަޒާން ބާޒާރު' ޕްރޮމޯޝަން ފަށައިފިއެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އިއްޔެ ރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ހަފުލާއަކުން އެ ޕްރޮމޯޝަން ވަނީ ފަށައިފައެވެ. އެ ހަފުލާ ޝަރަފުވެރިކޮށްދެއްވީ އެޗްޑީސީގެ ޗެއާމަން އަދި އެސްޓީއޯގެ ކުރީގެ އެމްޑީ އަހުމަދު ޝަހީރުއެވެ.

އެސްޓީއޯ އިން ބުނީ މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށްދާނީ މާޗު 18ގެ ނިޔަލަށް ކަމަށެވެ. އެ ޕްރޮމޯޝަންގައި އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ގިނަ ޕްރޮޑަކްޓްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ހޮވާލެވިފައިވާ ހޯމް އެޕްލަޔަންސް އައިޓަމްތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، 500 ރުފިޔާއިން މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ޑިޖިޓަލް ކޫޕަނެއް ދޭނެ ކަމަށާއި ކޮންމެ ހަފުތާއަކު ވެސް މި ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން 1 ފަރާތަކަށް ވަރަށް ހާއްސަ ގިފްޓް ހެމްޕަރެއް ލިބިގެންދާނެ ކަމަށެވެ.

އަދި ޕްރޮމޯޝަން ނިމުމާ އެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށެވެ.

އެސްޓީއޯ ރޯދަ ބާޒާރު ޕްރޮމޯޝަން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- (ފޮޓޯ/ އެސްޓީއޯ)ަ

މިއަހަރުގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގައި ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ވެސް އެސްޓީއޯގެ ވިޔަފާރި ސެގްމެންޓްތަކުން ހާއްސަ ސޭލްތަކާއި ޕްރޮމޯޝަންތަކެއް ރާވައި ކުރިއަށް ގެންދެއެވެ. އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ބާއްވާ މި ޕްރޮމޯޝަނަކީ ރޯދަމަހަށް ހާއްސަކޮށްގެން އާންމުންގެ ގެތަކަށް ބޭނުންވާ ކޮލިޓީ ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ހޯދުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ. އަދި މި ޕްރޮމޯޝަނަށް ކޮންމެ އަހަރަކުވެސް ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ.