ބޮޑުކަންނެލީގެ މަސްވެރިކަމާ ގުޅޭ ވައުދުތައް ވަރަށް އަވަހަށް ފުއްދަވައި، ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުން އެއްކޮށް ނެތިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އެހެން ވިދާޅުވެފައިވާ އިރު، މިފްކޯއަށް މަސް ގަތުމަށް ގޮވާލައި ކަނޑުމަތީގައި ބޮޑުކަންނެލީގެ މަސްވެރިން ވަނީ ދާދި ފަހުން އިހުތިޖާޖެއް ކޮށްފައެވެ.

ރައީސް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިކަމަކީ، މަސްވެރިކަމުގެ ސިނާއަތް ކުރިއަށްގެންދިއުމުގައި މުހިންމު ކަމެއް ދޭ ދާއިރާއެއް ކަމަށާއި ބޮޑުކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު އެ މަސްވެރިންނަށް އެނގޭނެ ކަމަށެވެ.

"މިފްކޯއިން ބޮޑުކަންނެލި ގަތުމަށްޓަކައި މަޝްވަރާ ބާއްވައި ތައްޔާރުތައްވުމުން ދަނީ. އެއީ އަޅުގަނޑުމެން ވީ އެއް ވައުދު. އެ ވައުދު ފުއްދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރޭ. ހުޅުމާލޭގެ ފެސިލިޓީއެއް ގާއިމުކުރުމަށް ފެށި މަސައްކަތް. ދެން އޭގެ އިތުރަށް ކަނޑުއޮތްގިރީގެ ފެސިލިޓީ ގާއިމުކުރުމަށްޓަކައި އަޅުގަނޑުމެން ފަށައިގެން އުޅޭ މަސައްކަތް، މިކަންކަން ކުރިއަށްދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭގެ އިތުރަށްވެސް ވަރަށް ފުޅާކޮށް އެކި މަސައްކަތްތައް ކުރަމުންދާ ކަމަށާއި ވީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އަމަލީގޮތުން ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެ ގޮތެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

"މިހާރު މި ގޮސްފައިވާ ހިސާބުން އަޅުގަނޑުމެންނަށް މާ ލަސްތަކެއް ނުވެ އަޅުގަނޑުމެންނަށް މިކަން ހާސިލުވާނެ. އެހެންވީމަ އެއީ އެންމެ ބޮޑަށް އަޅުގަނޑުމެން ސަމާލުކަންދޭ ކަމަކީ، މި ދާއިރާއިން ބޮޑުކަންނެލީ މަސްވެރިކަމުގެ ތެރެއިން އަޅުގަނޑުމެން ކުރާ ކަންތައްތަކުގެ ތެރެއިން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ސަރުކާރުން ބޮޑުކަންނެލި ގަންނަން ފެށުމުން، ޕްރައިވެޓް ސެކްޓާއިން މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި ބޮޑުކަންނެލީގެ މަސްވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.