ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރާ، މާލެ ސޮއިކޮށްފިއެވެ.

މި ޕާޓްނާޝިޕް އިއުލާންކޮށްފައިވަނީ ބާސެލޯ ނަސަންދުރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދިރާގުން ބުނީ މި ޕާޓްނާޝިޕްގެ ދަށުން ދިރާގު އެލީޓް ކްލަބްގެ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް، ބާސެލޯ ނަސަންދުރާގެ ރެސްޓޯރެންޓްތަކުން ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން މި ޕާޓްނާޝިޕަކީ ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް މެދުވެރިކޮށް ލިބޭ ހާއްސަ އޮފާތައް އިތުރަށް ފުރިހަމަވެގެންދާނެ ޕާޓްނާޝިޕެއް ކަމަށް ދިރާގުން ބުންޏެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިރުޝާން ހަސަން ވިދާޅުވީ ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރާ ގުޅުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"މި ޕާޓްނާޝިޕްގެ ސަބަބުން، ދިރާގުގެ ކަސްޓަމަރުންނަށް ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް މެދުވެރިކޮށް އަގުހުރި ފައިދާތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި ހިތްގައިމު ތަޖުރިބާތަކެއް ކުރުމުގެ މަގު ފަހިވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ބާސެލޯ ނަސަންދުރާގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އެންރިކް ރެއިނާ ވިދާޅުވީ ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް ވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި ޕާޓްނާޝިޕްގެ ދަށުން ކަސްޓަމަރުންނަށް ލިބޭ ހާއްސަ އޮފާތަކާއެކު ބާސެލޯގެ ހިތްގައިމު ރެސްޓޯރަންޓްތަކުގެ ރަހަތަކާއި ބައިނަލްއަގުވާމީ ފެންވަރުގެ މެހެމާންދާރީ ތަޖުރިބާކޮށްލުމަށް ދިރާގުގެ ކަސްޓަމަރުންނަށް މަރުހަބާ ކިޔުމަށް ތައްޔާރު ކަމަށެވެ.

މާލޭގައި ހުންނަ ހަމައެކަނި ފަސް ތަރީގެ ހޮޓެލްކަމުގައިވާ ބާސެލޯ ނަސަންދުރާގައި ތަފާތު ތިން ރެސްޓޯރަންޓަކުން ދަނީ ހިދުމަތް ދެމުންނެވެ. މި ރެސްޓޯރަންޓުތަކަށް ބަލައިލާއިރު އޮއިވަރު ރެސްޓޯރެންޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތަށް ތީމްޑްބުފޭ ނައިޓްތައް މެދުވެރިކޮށް ލިބިގެންދާ ރެސްޓޯރެންޓެކެވެ. އަދި، ބީހެވެން ރެސްޓޯރެންޓަކީ އެ ހޮޓެލްގެ ރޫފްޓޮޕްގެ ހިތްގައިމު މާހައުލުގައި ބިނާކޮށްފައިވާ ރެސްޓޯރަންޓަކަށް ވާއިރު، އަލިމަސް ކެފޭއިން ޕްރިމިއަމް ކޮފީއާއި އެކި ވައްތަރުގެ ކާތަކެތި ލިބެން ހުރެއެވެ.

ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައެވެ.