ނޯޓިލަސް ފައުންޑޭޝަނުން، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް)އަށް 150,000 ރުފިޔާގެ އެހީއެއް ދީފިއެވެ.

ނޯޓިލަސް ފައުންޑޭޝަނުން ބުނީ އެ އެހީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެންސަރުން ބަލި ދިފާއުވުމުގެ މަސައްކަތްތަކާއި، ބަލި ދެނެގަތުމަށް ކުރެވޭ ސްކްރީނިން ޕްރޮގްރާމްތައް އަދި އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ބޭނުމުގައި ދިން މާލީ އެހީއެއް ކަމަށެވެ.

އެ ފައިސާގެ އެހީ ބޭނުންކުރާނީ ކުރީކޮޅުގައި ކެންސަރު ދެނެގަތުމަށާއި، ކެންސަރާ ބެހޭގޮތުން އާންމުންނަށް މައުލޫމާތުދިނުމަށް އަމާޒުކޮށް ކެންސާ ސޮސައިޓީން މިހާރުވެސް ހިންގަމުންދާ ކެންސަރާ ގުޅުންހުރި ޕްރޮގްރާމްތަކައް ކަމަށް ނޯޓިލަސް ފައުންޑޭޝަނުން ބުންޏެވެ.

އެ އެހީގެ އިތުރުން މަންތާ އެވިއޭޝަނުން ކެންސަރު ސޮސައިޓީގެ ދަތުރުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ އެއްބަސްވެފައި ކަމަށް ނޯޓިލަސް ފައުންޑޭޝަނުން ބުންޏެވެ.

އަދި ބުނީ އާންމު ސިއްހަތު ރަނގަޅުކޮށް ކުރިއެރުވުމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.