ހުޅުމާލެއިން، ފުލުހުން ޓޯކޮށްފައިވާ އުޅަނދުތައް ދޫކުރަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭގެ ހުސްބިންތަކާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ޕާކޮށްފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޓޯކުރި އުޅަނދުތަކުގެ ތެރެއިން އެ އުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ ޓްރެފިކް ޖޫރިމަނާތައް ދެއްކުމަށްފަހު ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް ދިއުމުން، ފުލުހުން ދޭ ސްލިޕްކޮޅު ހިފައިގެން ތިލަފުއްޓަށް ދިއުމުން އުޅަނދު ދޫކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

ޓޯކުރެވޭ އުޅަނދުތައް ޓޯކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ ނަގަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށް ފުލުހުން ބުންޏެވެ. އަދި އެގޮތަށް އުޅަނދު ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަކަށްކަން ފުލުހުން ކަށަވަރުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންދާ އުޅަނދުތައް ހަތް ދުވަސް ފަހުން އިއުލާނުކޮށް، އެއަށްފަހުވެސް އުޅަނދާ ހަވާލުވުމަށް ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް އުޅަނދު ގެންދިއުމަށް ދޭނެކަމަށް ފުލުހުން ބުންޏެވެ.

އެ 60 ދުވަހުގެ މުއްދަތަށްފަހުވެސް އުޅަނދުގެ ވެރިފަރާތުން އުޅަނދު ގެންގޮސްފައިނުވާނަމަ އެ އުޅަނދެއް ނައްތާލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ފުލުހުން ބުންޏެެވެ.