ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖޭގައި މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުމަށް، ޑިޖިޓަލް ޕޭމަންޓް ހައްލުތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ އިސް ސަފުގައި ހިމެނޭ ވިސާއާއެކު ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފިއެވެ.
ބީއެމްއެލުން ބުނީ އެ ޕްރޮގްރާމުގެ ދަށުން ޒުވާނުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ތައުލީމީ އިދާރާތަކާއި އެކިއެކި މުޖުތަމައުތަކުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.
އެ ޕްރޮގްރާމް މިއަދު އިފްތިތާހުކޮށް، އެއްބަސްވުމުގައި ސޮއިކުރެއްވީ ވިސާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަވަންތި ކޮލަމްބަގެ އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ. އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ އެއްބަސްވުމުގެ ދަށުން، ބީއެމްއެލްއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން، ވިސާގެ ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމްގެ 'ޕްރެކްޓިކަލް މަނީ ސްކިލްސް' އަދި 'ޕްރެކްޓިކަލް ބިޒްނަސް ސްކިލްސް' ސެޝަންތައް ރާއްޖޭގައި ހިންގާނެއެވެ.
ބީއެމްއެލުން ބުނީ އެ ސެޝަންތަކުގައި ބަޖެޓްކުރުމާއި ފަހަށް ރައްކާކުރުމާއި ދަރަނި ހެޔޮގޮތުގައި މެނޭޖުކުރާނެ ގޮތާއި ރަނގަޅުގޮތުގައި ބޭނުންކުރާނެ ގޮތްތައް ކިޔައިދެވޭނެ ކަމަށެވެ. އޭގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ފައިސާ މެނޭޖުކުރާނެ ގޮތުގެ އިރުޝާދުތަކާއި ކޭޝް ފްލޯ މެނޭޖްކުރާނެ ގޮތާއި، އަގު ކަނޑައެޅުމާއި، ޑިޖިޓަލް ޕޭމަންޓް އަދި ކަސްޓަމަރުން އިތުރުކުރާނެ ގޮތްތަކާއި ވިޔަފާރީގެ އުކުޅުތައްވެސް ކިޔައިދެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެ މުހިންމު މަސައްކަތަށް ވިސާއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރެވޭކަމީ އެ ބޭންކަށް ލިބޭ ފަހުރެއް ކަމަށާއި ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަކީ އެ ބޭންކުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ.
"މި ޕްރޮގްރާމަކީ އަންނަން އޮތް ޖީލުތަކަށް މާލީ ކަންކަމުގައި ހޭލުންތެރިކަމާއެކު ގޮތް ނިންމުމުގައި އެހީތެރިވުމަށް ބޭންކުން ދޭ އިސްކަން ހާމަކޮށްދޭ ޕްރޮގްރާމެއް. ދަރިވަރުންނަށް ހަރުދަނާ މާލީ ބިންގަލެއް އެޅުމަށް އެހީތެރިވެރިވެދިނުމަކީ މި ގައުމުގެ އިގުތިސާދު ހަރުދަނާކުރުމަށް ދިގު މުއްތަކަށް އެޅޭ މުހިންމު ފިޔަވަޅެއް،" ޝަރީފް ވިދާޅުވިއެވެ.
ވިސާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަވަންތި ކޮލަމްބަގެ ވިދާޅުވީ، މާލީ ހޭލުންތެރިކަމަކީ ހަރުދަނާ އިގުތިސާދުގެ ކުރިއެރުމެއް އެޅޭ މުހިންމު ބިންގަލެއް ކަމަށެވެ.
"ވިސާގެ 'ޕްރެކްޓިކަލް މަނީ ސްކިލްސް އަދި ޕްރެކްޓިކަލް ބިޒްނަސް ސްކިލްސް' ޕްރޮގްރާމް، އަޅުގަނޑުމެންގެ މުހިންމު ޕާޓްނަރެއް ކަމަށްވާ ބޭންކް އޮފް މޯލްޑިވްސްއާއެކު ރާއްޖެއަށް ތައާރަފުކުރުމާއެކު، އާންމު ފަރުދުންނާއި ކުދި ވިޔަފާރިތައް ބާރުވެރިކުރުވައި، ދެމެހެއްޓެނިވި އަދި މާލީ ގޮތުން އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ގާބިލު ޑިޖިޓަލް މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދޭނެ. މި މަސައްކަތަކީ ރާއްޖެއަށް ޑިޖިޓަލް ބޮޑު އިންގިލާބެއް ގެނުވައި ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ސިނާއަތްތަކާއެކު ރަނގަޅު އިގުތިސާދެއް ބިނާކުރުމަށް ރާއްޖޭގެ ދިގު ރާސްތާ ޕްލޭނަށް އެހީތެރިވުމަށް އަޅުގަނޑުމެންދޭ އަހުމިއްޔަތުކަން ހާމަވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލުން ރާއްޖޭގެ އެކި އުމުރުފުރާތަކުގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އެކި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. މިދިޔަ އެއް އަހަރުގެ ތެރޭގައި އެ ބޭންކުން ވަނީ ސްކޫލުތަކާއި އެކި މުޖުތަމައުތަކުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް 200 އަށްވުރެ ގިނަ ސެޝަންތައް ހިންގައިފައެވެ.
ވިސާ ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް