މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް، ފިޝަރީޒް މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތަށް "މަހަ މަންފާ"ގެ ނަމުގައި އާ ފައިނޭންސިން ސްކީމެއް ތައާރަފުކޮށްފިއެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނީ މި ސްކީމްގެ ދަށުން މަސް ކައްކައި ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

މީގެ އިތުރުން މަހުގެ ވެލިއު އެޑިޝަނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރަންވެސް އެ ސްކީމުން މާލީ އެހީ ދޭނެ ކަމަށެވެ.

މި ފައިނޭންސިންގެ ދަށުން، މަސް ޕްރޮސެސްކުރުމަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް، އަދި ގުޅުންހުރި މުދާ ގަތުމަށް ރަހުނަކާ ނުލައި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު 50,000ރ. އާއި 400,000ރ. އާ ދެމެދުގެ އަދަދަކަށް ފައިނޭންސިން ލިބޭނެއެވެ.

ހަ ޕަސަންޓު އިންޓަރެސްޓުގައި ދޫކުރާ އެ ފައިސާ އަނބުރާ ދެއްކުމަށް ގިނަވެގެން ހަތް އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.