ފެޝިޒަމްއަކީ ކޮބައިހެއްޔެވެ. އޭގެ އަލާމާތްތައް މައިގަޑުގޮތެއްގައި ބެހިގެންވަނީ ހަ ބަޔަކަށެވެ. ފުރަތަމަ ސިފަޔަކީ ގައުމިއްޔަތުގެ ނަމުގައި ހައްދުފަހަނަޅައި ދިއުމެވެ. ގައުމީ އެއްބައިވަންތަކަން ބަދަހިކުރުމުގެ ބަހަނާގައި ހަސަދައިގެ އަލިފާން ރޯކުރުމެވެ. ދެވަނަ ސިފަޔަކީ އެންމެންވެސް ވެރިމީހާޔަށް ފުރިހަމަޔަށް ބޯލަނބައި ކިޔަމަންވުމާއި ފާޑުކިޔުންތައް ހަޖަމު ނުވުމުގެ ސިފައެވެ. ތިންވަނަ ސިފަޔަކީ ގޮށްމުށުގެ ބާރު ހިންގުމެވެ. އަސްކަރިއްޔާ ގިރިޓީކުރުމާއި އަސްކަރިއްޔާގެ ބޭނުންކޮށްގެން ބިރުދެެއްކުމެވެ. ހަތަރުވަނަ ސިފަޔަކީ ޑިމޮކްރަސީ ހަޖަމު ނުވުމެވެ. ފަރުދީ ހައްގުތަކާއި ޑިމޮކްރަސީގެ އެނޫންވެސް އުސޫލުތަކަކީ ބަލިކަށި އެއްޗަކަށް ހެދުމެވެ. ފަސްވަނަ ސިފަޔަކީ ގައުމުގެ އިގްތިސާދު މުށުތެރެއަށް ލުމުގެ ސިފައެވެ. ބޮޑެތި ވިޔަފާރިވެރިންނާ ގުޅިގެންނެވެ. ހަވަނަ ސިފަޔަކީ ވެރިމީހާގެ ހައިބަތާއި ހައިސިއްޔަތު އިންސާނީ އިންތަކަށްވުރެ މަތިކުރުމެވެ. މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ޕްރޮޕަގެންޑާ ފަތުރައިގެންނެވެ. ޝަޚުސިއްޔަތު ޕްރޮމޯޓް ކޮށްގެންނެވެ.

ކޮންމެއަކަސް މިދެންނެވި އުސޫލުތަކާއި ސިފަތައް ބޭނުންކޮށްގެން ޑިމޮކްރަސީގެ ނަމުގައި އެއަށް ފައިން އަރައިގެންހުރެ މިފަހުގެ ތާރީޚުގައި އެންމެ ފުރަތަމަ ވެރިކަމެއް ކުރި މީހަކީ އިޓަލީގެ ބެނީޓޯ މުސޮލިނީއެވެ. އޭނާއަކީ 1922 ވަނަ އަހަރުން ފެށިގެން 1943 ވަނަ އަހަރާ ހަމަޔަށް އިޓަލީގައި ޚުދުމުޚުތާރު ވެރިކަމެއްކުރި ޖައްބާރު ވެރިއެކެވެ. އެންމެފަހުން ކެތްނުވެގެން ރައްޔިތުން ނުކުމެ ހިފައި ހައްޔަރުކޮށް މަރައިލީއެވެ. މުސޮލިނީގެ ވެރިކަން ގިރިޓީކޮށް ދުނިޔެއަށް ޕްރޮމޯޓް ކުރުމަށްޓަކައި ކުޅިވަރުގެ ދާއިރާ ވަރަށް ބޮޑަށް ބޭނުންކުރިއެވެ. ފީފާގެ ވެރިންނަށް ރިޝްވަތު ދީގެން މެންބަރުންގެ ވޯޓަކާނުލައި 1934 ވަނަ އަހަރުގެ ވޯލްޑްކަޕް އިޓަލީގައި ބޭއްވިއެވެ. ފީފާގެ އޭރުގެ ރައީސަކީ ޖޫލް ރިމޭއެވެ. އޭނާގެ ނަޒަރުގައި މުސޮލިނީވަރުގެ އެހެން ޝަޚުސިއްޔަތެއް ދުނިޔޭގައިވެސް ނެތެވެ. ތައުރީފުގެ ހައްދެއްވެސް ނެތެވެ. ފީފާ އުފެދުނީ 1904 ގައެވެ. އެފަހުން ދުނިޔޭގެ އެއްވެސް ލީޑަރަކަށް ފީފާއިން ތައުރީފު ނުކުރާ މިންވަރަށް ޖޫލް ރިމޭ ވަނީ މުސޮލިނީއަށް ތައުރީފު ކޮށްފައެވެ.

ފެޝިޒަމްގެ ބާނީ މުސޮލިނީ ދުނިޔެއިން ވަކިވިތާ 83 އަހަރުވަނީއެވެ. އޭނާގެ ސިޔާސަތާއި އެސިފަތަކާއެކު މިޒަމާނުގައި ވެރިކަން ކުރައްވާ އެއްބޭފުޅަކީ އެމެރިކާގެ މިއަދުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ވަރަށް ގިނަ ބަޔަކު ދެކެއެވެ. މިލިޔުން ފަށަމުން ބަޔާންކުރި ފެޝިޒަމްގެ މައިގަޑު ހަ ސިފަވެސް ޓްރަމްޕުގެ ސިޔާސަތުން ފާޅުވާކަމަށް ބުނެވެއެވެ. ޓްރަމްޕަކީ ފެޝިސްޓެއްތޯ ނުވަތަ ނޫންތޯ ނިންމާކަށް ނެތީމެވެ. އެގޮތަށް ނިންމާ މީހުން މަދެއް ނޫނެވެ. ކޮންމެއަކަސް މުސޮލިނީގެ ފެޝިޒަމް ދުނިޔެއަށް ޕްރޮމޯޓް ކުރުމަށް މީގެ 92 އަހަރު ކުރިން ބޭނުންކުރީ ކުޅިވަރެވެ. ފީފާ ވޯލްޑްކަޕެވެ. އެބީދައިން ޑޮނަލްޑް ޓްރަމްޕުވެސް އެގެންދަވަނީ އަމިއްލަފުޅު ބްރޭންޑެއްގެ ފެޝިޒަމް ޕްރޮމޯޓް ކުރެއްވުމަށްޓަކައި ވޯލްޑްކަޕް ބޭނުން ކުރެއްވުމަށް ތައްޔާރު ވަމުން ކަމަށް ބުނެ ފާޑުކިޔާ މީހުން ވަރަށް ގިނައެވެ. މީގެ 92 އަހަރު ކުރިން ފީފާގެ ރައީސް ޖޫލް ރިމޭގެ އެހީތެރިކަން މުސޮލިނީ ހޯދިއެވެ. އެ ބީދައިން ޑޮނަލްޑް ޓްރަމްޕު އެހީތެރިކަން ހޯއްދަވަނީ ފީފާގެ މިހާރުގެ ރައީސް ޖިއާންނި އިންފަންޓީނޯގެ ފަރާތުން ކަމަށް ބުނެވޭނެ ޖާގަ އެބައޮތްކަމަށް ފެނެއެވެ.

މިފަހަރުވެސް އިޓަލީގެ އަސަރާއި ކުލަޔާއި ވަސް އެބަހުއްޓެވެ. އިންފަންޓީނޯ އުފަންވީ ސުވިޒަރލެންޑުގައެވެ. އެކަމަކު މަންމަޔާއި ބައްޕަ ނިސްބަތްވަނީ އިޓަލީއަށެވެ. އިންފަންޓީނޯގެ ބާރުއެޅުމުގެ މަތިން 2026 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވަނީ އެމެރިކާގައެވެ. މުސޮލިނީގެ އެކުވެރިޔަކަށް ޖޫލް ރިމޭ ވީފަދައިން އިންފަންޓީނޯއަކީ ޓްރަމްޕުގެ އެކުވެރިއެކެވެ. ނިއުޔޯކުގައި ހުންނަ ޓްރަމްޕުގެ އަމިއްލަ ޓަވަރުގައި ފީފާގެ އޮފީހެއް ގާއިމުކުރީވެސް މި އެކުވެރިކަމުގެ ތެރެއިންނެވެ. ގިނަގިނައިން އެމެރިކާގެ ވެރިކަމުގެ ކިއްލާ ވައިޓް ހައުސްއަށް އިންފަންޓީނޯ ޒިޔާރަތްކުރަނީވެސް މިގުޅުމުގެ ތެރެއިންނެވެ. މުސޮލިނީގެ ފެޝިސްޓް ޕާޓީގެ ބައެއް އެއްވުންތަކުގައި ޖޫލް ރިމޭ ބައިވެރިވި ފަދައިން ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ބައެއް އެއްވުންތަކުގައި އިންފަންޓީނޯވެސް ބައިވެރިވެއެވެ.

ކޮންމެއަކަސް ޖޫލް ރިމޭވެސް ނުކުރާ ކަމެއް އިންފަންޓީނޯ ކޮށްފިއެވެ. މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވެފައިވާ 48 ގައުމު ބާރަ ގްރޫޕަކަށް ބަހައިލުމުގެ ގުރުލުމާ ދިމާކޮށް މާވަރުގަދަ އެވޯޑެއް ތައާރަފުކޮށް މި އެވޯޑު ޓްރަމްޕަށް އެރުވީއެވެ. ފީފާގެ ޕީސް ޕްރައިޒްގެ ނަމުގައެވެ. ދުނިޔޭގެ ސުލްހަޔާއި އަމާންކަމަށް ޓްރަމްޕު ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގު ދުނިޔޭގެ ފުޓްބޯޅަ އާއިލާއިން ވަޒަންކުރުމުގެ ގޮތުން ކަމަށް ބުނެވެއެވެ. ފެޝިޒަމްގެ ބާނީ މުސޮލިނީއަށް ފީފާގެ ކުރީގެ ރައީސް ޖޫލް ރިމޭ ކުރި ނުހައްގު ތައުރީފު އިންފަންޓީނޯވެސް ތަކުރާރު ކުރީ ކަމަށް ބުނެވެއެވެ. ކޮންމެއަކަސް މިދެންނެވި ޕީސް ޕްރައިޒެއް ތައާރަފުކޮށް ހަވާ އަރުވައިފައި ޓްރަމްޕަށް އެރުވުމަކީ ފީފާޔާއި ދުނިޔޭގެ ފުޓްބޯޅަ ސިޔާސީ އޮއިވަރުގެ ތެރެއަށް ގަންބައިލުމެކެވެ. ފީފާގެ އިތުބާރު ގެއްލުވައިލުމެކެވެ. އެކަމާމެދު ޝައްކެއްވެސް ނެތެވެ.

އެއްގޮތް ކަންތަކެއް އެބަހުއްޓެވެ. ބެނީޓޯ މުސޮލިނީވެސް ނޯބަލްގެ ސުލްހައިގެ އިނާމު ހޯދުމަށް 1935 ވަނަ އަހަރު ވަރަށް މަސައްކަތް ކުރިއެވެ. ގައުމުތަކަށް ފިއްތުންތައް ކުރިމަތިކޮަށްގެން އެ އިނާމަށް މުސޮލިނީގެ ނަން ނޮމިނޭޓްވެސް ކުރުވިއެވެ. އެކަމަކު ނޯބެލް ކޮމިޓީން އޭނާގެ ނަމަށް ސަމާލުކަމެއް ނުދިނެވެ. ނޯބެލްގެ ސުލްހައިގެ އިނާމު ބޮޑު ޖޯކަކަށްވެ އަގު ވެއްޓިދާނެތީއެވެ. ނޯބަލް ޕީސް ޕްރައިޒް ހޯދަން މުސޮލިނީ އުޅުނު ގޮތަށް އޭގެ 90 އަހަރު ފަހުން ޑޮނަލްޑް ޓްރަމްޕުވެސް އެ އިނާމު ހޯއްދަވަން މިއަހަރު ލައްކަ ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ނޯބަލް ކޮމިޓީން ޓްރަމްޕުގެ ނަމަށް ސަމާލުކަން ނުދީ ނޯބެލް ޕީސް ޕްރައިޒް ދިނީ އެހެން މީހަކަށެވެ. މި އިނާމުގެ އަގާއި ހުރުމަތް ހިފެހެއްޓުމުގެ ގޮތުންނެވެ. ނޯބަލްގެ ސުލްހައިގެ އިނާމެއް ނުހޯއްދެވުނެވެ. އެކަމަކު މިއަހަރު ނިމުމުގެ ކުރިން އިންފަންޓީނޯ އެވަނީ ޓްރަމްޕު ބޭނުންފުޅުވި ގޮތަށް އެ ހަދިޔާ އަރުވައިފައެވެ.

މިހިސާބުން އުފެދޭ ސުވާލަކީ ދުނިޔޭގައި ކަންކަން ހިގަމުންދާގޮތް އިންފަންޓީނޯއަށް ނުފެންނަނީތޯއެވެ. މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވެފައިވާ 48 ގައުމުގެ ތެރެއިން ގައުމެއް ކަމަށްވާ އީރާނުގެ ޓީމު އެމެރިކާއަށް ވައްދާނޭކަންވެސް ކަށަވަރެއް ނޫނެވެ. ހަމަގައިމުވެސް ގުރުނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އީރާނުގެ އެފްއޭގެ ރައީސަށް އެމެރިކާއަކަށް ނުވަދެވުނެވެ. ޓްރަމްޕުގެ އަމުރަށް އީރާނަށް ބޮންއެޅީ އިހަށްދުވަހުއެވެ. މިހާރު އެދަނީ އައު ގައުމަކަށް އަރައިގަތުމަށް ތައްޔާރު ވަމުންނެވެ. ވެނެޒުއެލާއަށެވެ. މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވާ 48 ގައުމުގެ ތެރެއިން 9 ގައުމަކީ އެފްރިކާއަށް ނިސްބަތްވާ ގައުމުތަކަށްވާއިރު އެފްރިކާ މީހުންނަކީ ކުނިބުނި ކަމުގައި ޓްރަމްޕު ސިފަކުރެެއްވިތާ އަދި މަހެއް ނުވެއެވެ. އެކަމަކު ފީފާގެ ރައީސް އިންފަންޓީނޯ އެވަނީ ޓްރަމްޕަށް ފީފާގެ ޕީސް ޕްރައިޒް އަރުވައިފައެވެ. މިވަރުން ދަންޏާ މިހެންވެސް ވެދާނެެެއެވެ. ލުއިސް ސުއަރެޒްގެ ޝަރަފުގައި އެފަދަ ނަމޫނާ ދައްކާ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކުރެވޭ ކުޅުންތެރިޔަކު ހޮވައި އެމީހަކަށް ފީފާގެ ގޯލްޑަން ޓޫތު އެވޯޑުގެ ނަމުގައި ޓްރޮފީއެއް ދިނުމަކީވެސް ދުރު ކަމެއް ނޫނެވެ.