ކްރޫޒް އަކުން ދަތުރުކުރި ފަސެންޖަރުންތަކަކަށް ނޮރޯވައިރަސް ޖެހިއްޖެއެވެ.

''އައިޑާޑިވާ'' ނަމަކަށް ކިޔާ އެ ކުރޫޒްގައި ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުންނަށް ނޮރޯވައިރަހުގެ އަސަރު ކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުން 133 ދުވަހުގެ ދިގު ދަތުރެއް ފަށާފައިވާ އެކުރޫޒްގައި ނޮރޯވައިރަހުގެ ބޮޑު ބަލިމަޑުކަމެއް ފެތުރިފައިވާ ކަމަށް އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން އިން ވެސް ވަނީ ބުނެފައެވެ.

26 ގައުމަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ އެ ބޯޓު މިހާތަނަށް އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން ޖަޕާނާއި ދެކުނު އެފްރިކާ އަދި ޕޯޗުގަލް އާއި މެކްސިކޯއަށް ދަތުރުކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާގޮތުން މިދަތުރުގައި ސްރީލަންކާއަށް ވެސް އެބޯޓު ދަތުރުކޮށްފައިވެއެވެ.

އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަންގެ ގައިޑްލައިންއާ އެއްގޮތަށް އެ ބޯޓުން ދަތުރުކުރާ މީހުންގެ ތެރެއިން ބަލި މީހުން ވަކިކޮށް އާންމުންނާ އެކަހެރިކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި މީގެ އިތުރުން ޓެސްޓުތައް ހެދުމަށް ސާމްޕަލްވެސް ނަގަމުން އަންނަ ކަމަށް އޮފިޝަލުން ހާމަކޮށްފައިވެއެވެ.

''އައިޑާޑިވާ''ގެ ދަތުރު ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހު އެބޯޓު ރާއްޖެ އަށް ދަތުރުކުރާނެ ކަމަށް ވެއެވެ. އަދި އެ ބޯޓު މިހާރު ކުރަމުން އަންނަ ދަތުރު މާޗް މަހުގެ 23 ވަނަ ދުވަހު ހެމްބާގަށް ނިންމާލުމަށް ވަނީ ޝެޑިއުލްކޮށްފައެވެ.