ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނައުމަށް "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ނަމުގައި އުފެއްދި ސަރުކާރު ކުންފުނީގެ ޗެއާމަންގެ މަގާމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ) އިން، ހަލީމް އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދެވެ. ޕީސީބީން އެކަން ހާމަކުރީވެސް މިއަދެވެ.

"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް، މ. ރަނިކަ، އިބްރާހިމް ހަލީމް އަބްދުއްރައްޒާގު ހަލީމްވަނީ އައްޔަނުކޮށްފައެވެ،" ޕީސީބީން ބުންޏެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަކީ މިއަހަރުގެ ސެފްޓެމްބަރުމަހުގެ ނުވަވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކުންފުންޏެކެވެ.

ރައީސް އޮފީހުން އެ ދުވަހު ބުނެފައިވަނީ އެ ކުންފުންޏަކީ ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން ރައީސަށް ލިބިދޭ ބާރުގެ ދަށުން އުފައްދާފައިވާ ކުންފުންޏެކެވެ.

އަދި އެ ކުންފުންޏަކީ އެ ކުންފުނީގެ ދަށުން ރާއްޖެއަށް ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ހާއްސަ ބަލިތަކުގެ މީހުންނަށް ބޭނުންވާ ބޭސް ގަވާއިދުން ނުލިބޭ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.