އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމު އަދާކުރައްވާނީ ވަކި މީހެއްގެ ނުފޫޒަކަށް ތަބާނުވެ ކަމަށް އެ މަގާމަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ބައްދަލުވުމުގައި ވަގުތީ ޗެއާޕާސަންކަމަށް ވާދަކޮށްފައިވަނީ ހަމައެކަނި ގަޕޯއެވެ. އޭނާ އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ހުށަހެޅި ނަމެކެވެ. ނަމަވެސް ފަހުން ގަޕޯއަށް ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ތާއީދު ވެސް ލިބިފައެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމަށް ގަޕޯ އިންތިހާބުކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 ވޯޓާއެކުއެވެ. އެ މަގާމަށް އިންތިހާބުވުމާއެކު ގަޕޯ ވަނީ ބައްދަލުވުމުގެ ރިޔާސަތު ވެސް ބަލަހައްޓަވައިފައެވެ.

ބައްދަލުވުން ނިންމަވައިލެއްވުމުގެ ކުރިން ވާހަކަދައްކަވަމުން ގަޕޯ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދާއި އުސޫލާއި ހަމައިގެ ތެރެއިން ނޫންގޮތެއްގައި އެއްވެސްކަމެއް ނުކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"އަޅުގަނޑަކީ ވަކި މީހަކަށް ވަކިގޮތެއް ހަދަން، ވަކި މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކުރާނެ މީހެއް ނޫން އެހެންވެ އެ ޔަގީންކަން އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް އަރުވަން،" އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 28 ގެ ރޭ ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގައި ވެސް އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމަށް މަސައްކަތްކުރިއެވެ. އެ ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އެހީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ހުށަހެޅި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދުގެ ނަމަށެވެ. ނަމަވެސް ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި ވަހީދު އެ މަގާމަށް ގެންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގި ވޯޓުގެ ނަތީޖާއާ މެދު ސުވާލު އުފެދި އެ ބައްދަލުވުން ހޫނުވެގެން ފަހުން ވަނީ ނިންމާލައިފައެވެ.

އެ ބައްދަލުވުން ހޫނުވީ، އެ މަގާމަށް ވަހީދު ހޮވުމަށް 48 ވޯޓް ބޭނުންވާ އިރު, އެ ރޭ ލިބުނީ 47 ވޯޓް ކަމަށް ސެކެޓްރިއޭޓުން އިއުލާން ކުރުމާއެކުއެވެ. ނަމަވެސް ފަހުން އެމްޑީޕީން ވަނީ ވަހީދަށް 48 ވޯޓު ލިބިފައިވާ ކަމަށާއި ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭނާ އިންތިހާބު ވެފައިވާ ކަމަށް ނިންމައިފައެވެ.

އެ މަގާމަށް އިންތިހާބުވެއްޖެ ކަމަށް އެމްޑީޕީން ނިންމި ނަމަވެސް، އެ މަގާމު ދޫކޮށްލަން ވަހީދު ފަހުން ނިންމިއެވެ.