އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އިންތިހާބުކޮށްފިއެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވަގުތީ ޗެއާޕާސަންކަމަށް ގަޕޯ އިންތިހާބުކުރި އިރު، މިދިޔަ މަހުގެ 28 ގައި ބޭއްވި ބައްދަލުވުމުގައި ވެސް ވަގުތީ ޗެއާޕާސަން ކަމަށް ބޭފުޅަކު އިންތިހާބުކުރުމަށް ވަނީ މަސައްކަތްކޮށްފައެވެ. އެ ބައްދަލުވުން ހޫނުވެ، ވަކި ހިސާބަކުން ވަނީ މެދުކަނޑާލައިފައެވެ.
މިރޭ ބޭއްވި ބައްދަލުވުމުގައި ވަގުތީ ޗެއާޕާސަންކަމަށް ވާދަކޮށްފައިވަނީ ހަމައެކަނި ގަޕޯއެވެ. އޭނާ އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ހުށަހެޅި ނަމެކެވެ. ނަމަވެސް ފަހުން ގަޕޯއަށް ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ތާއީދު ވެސް ލިބިފައެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމަށް ގަޕޯ އިންތިހާބުކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 ވޯޓާއެކުއެވެ. އެ މަގާމަށް އިންތިހާބުވުމާއެކު ގަޕޯ ވަނީ ބައްދަލުވުމުގެ ރިޔާސަތު ވެސް ބަލަހައްޓަވައިފައެވެ.
މިދިޔަ މަހުގެ 28 ގެ ރޭ ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އެހީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ހުށަހެޅި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދުގެ ނަމަށެވެ. ނަމަވެސް ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި ވަހީދު އެ މަގާމަށް ގެންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގި ވޯޓުގެ ނަތީޖާއާ މެދު ސުވާލު އުފެދި އެ ބައްދަލުވުން ހޫނުވެގެން ފަހުން ވަނީ ނިންމާލައިފައެވެ.
އެ ބައްދަލުވުން ހޫނުވީ، އެ މަގާމަށް ވަހީދު ހޮވުމަށް 48 ވޯޓް ބޭނުންވާ އިރު, އެ ރޭ ލިބުނީ 47 ވޯޓް ކަމަށް ސެކެޓްރިއޭޓުން އިއުލާން ކުރުމާއެކުއެވެ. ނަމަވެސް ފަހުން އެމްޑީޕީން ވަނީ ވަހީދަށް 48 ވޯޓު ލިބިފައިވާ ކަމަށާއި ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭނާ އިންތިހާބު ވެފައިވާ ކަމަށް ނިންމައިފައެވެ.
އެ މަގާމަށް އިންތިހާބުވެއްޖެ ކަމަށް އެމްޑީޕީން ނިންމި ނަމަވެސް، އެ މަގާމު ދޫކޮށްލަން ވަހީދު ފަހުން ނިންމިއެވެ.
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ