އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުރި އިބްރާހީމް ފަޒުލް ރަޝީދު އާއި އެ ކުންފުނީގެ އައިޓީ ހެޑް އަބްދުﷲ ޝުހޫދު، އެ ކުންފުނީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ޑިލީޓްކޮށްފައިވާ ކަމަށް ތުހުމަތުކުރި މައްސަލަ ސާބިތު ކުރެވޭވަރަށް ހެކި ގަރީނާ ލިބިފައިނުވާ ކަމަށް ބުނެ، އެ ދެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެެނެރަލް (ޕީޖީ) ނިންމަވައިފިއެވެ.

މި މައްސަލާގައި ފަޒުލް ރަޝީދާއި އަބްދުالله ޝުހޫދުގެ މައްޗަށް ކުރި ތުހުމަތަކީ، ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސާވާގެ ތެރެއިން ޑިލީޓްކޮށްލާފައިވާތީ، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ.

ޕީޖީ އޮފީހުން ބުނީ އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗްޑީސީގެ ސާވާ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި، ނުވަތަ ގެއްލިފައި ނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެކަމާބެހޭގޮތުން ފުލުހުން ތައްޔާރު ކުރި ރިޕޯޓުގައި، ފަޒުލް އާއި އަބްދުالله ޝުހޫދު، އެޗްޑީސީގެ ސާވާ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަހުގީގަށް ހޯދިފައިނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން، އިބްރާހީމް ފަޒުލް އާއި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަކަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.