ކުރީ ސަރުކާރުން ހިޔާ ފުލެޓުތައް އަތުލި މީހުންނަށް ފުލެޓުދިނުމުގައި އެއްވެސް ޝަރުތަކަށް ނުބަލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާނު ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ހިންގި މަޝްރޫއު އިން ފުލެޓާއި ގޯތި ލިބުނު މީހުންނަށް ފުލެޓު ހަވާލުކުރުމުގެ މަސައްކަތްތަކާއި ބިންތައް ހިއްކޭ ވަރަކުން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ވައުދުވަޑައިގެންނެވި ގޮތަށް އެއްވެސް ފުލެޓެއް އަދި ގޯއްޗެއް ވެސް އަތުނުލައްވާނެކަމުގެ ޔަގީންކަން މިރޭ ވެސް އެ މަނިކުފާނު ދެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ހިންގި މަޝްރޫއު އިން ހިޔާ ފުލެޓުގެ ފައިނަލް ލިސްޓަށް އެރުމަށްފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ފުލެޓުތައް ނުލިބުނު މީހުންނަށް، މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިން ފުރުސަތު ދެއްވާނެކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަދާ ފުލެޓުތަކާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ތެރެއިން ހަދާ ޖުމުލަ 7500 ފުލެޓުން އެމީހުންނަށް ފުރުސަތު ލިބޭނެ ކަމަށާއި އެގޮތުން އަންނަ މަހު ފުލެޓަށް ހުޅުވާލާ ފުރުސަތުގައި ވަކި ކެޓަގަރީއެއް ހާއްސަކޮށް، އެ ކެޓަގަރީން ފުލެޓު ދޭނެ އަދަދު ވެސް ކަނޑައަޅާފައިވާނެ ކަމަށެވެ.

އެންމެ ފުރަތަަމަ މަޝްރޫއު އިން އެ އެންމެންނަށް ފުރުސަތު ނުލިބުނު ނަމަވެސް، މި ސަރުކާރުން ހިންގާ މަޝްރޫއަކުން އެ ހުރިހާ މީހުންނަށް ފުލެޓު ލިބޭނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.