މީހެއްގެ ވައިބާ އެކައުންޓު ހެކްކޮށްގެން 150،300 ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި މީގެކުރިން މާލޭހިޔާ 1-16-03 / މާލެ، އަހުމަދު ހައްސާން (33އ) ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދައި، އެ ފައިސާތަކުގެ ތެރެއިން ބައެއް ނަގާފައިވާ މައްސަލައާ ގުޅިގެން ދެވަނަ މީހެއްގެ ގޮތުގައި ހައްޔަރުކޮށްފައިވަނީ، ނ. މަނަދޫ / ވެށި، ހުސައިން ސަމާހު (33އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް އެނގިފައިވާގޮތުގައި އޭނާ ވަނީ މިކަމަށް އަމިއްލަ އެކައުންޓެއް ބޭންކުގައި ހުޅުވައި މަންފާ ހޯދުމަށް އެ އެކައުންޓް ކުއްޔަށްދީ މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ހޯދާފައިވާ ފައިސާގެ ތެރެއިން 75000 ރުފިޔާ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ނަގައިފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 12 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މިއީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެވަނަ މީހާއާއެވެ. ފުރަތަމަ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އޭނާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އިބްރާހިމް ޒަކީ
ޕޮލިސް
ޕޮލިސް
ޕޮލިސް