ދިރާގު ފިންޓެކްއިން ކުރިއަށް ގެންދާ ދިރާގުޕޭ ޑައުންލޯޑުކޮށް ރަޖިސްޓަރީކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ދިރާގުޕޭއަށް ރަޖިސްޓަރީކޮށްފައިވާ އަދި އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް މި އަގުހުރި އިނާމު ލިބިގެންދާނެއެވެ.

"ރާއްޖޭގެ މޮބައިލް ނަންބަރެއް ގެންގުޅޭ ކޮންމެ ފަރާތަކަށް ވެސް ދިރާގުޕޭއަށް ރަޖިސްޓަރީކުރެވޭނެ،" ދިރާގުން ބުންޏެެވެ.

ދިރާގު ފިންޓެކް އިން ވަނީ ދާދި ފަހުން އެއް ރުފިޔާއަށް ކޮފީ ލިބޭ ޕްރޮމޯޝަނެއް ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮމޯޝަންއަށް ވަރަށް ގިނަ ފަރާތްތަކެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެއެވެ.

މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ.