ތޫފާން ދިތުވާގައި ސްރީ ލަންކާއިން މަރުވި މީހުންގެ އަދަދު 600 އިން މައްޗަށް އަރައިފިއެވެ.
ސްރީލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން އެގައުމުގެ އެކި ސަރަހައްދުތަކުން ތޫފާނުގައި މަރުވި މީހުންގެ އަދަދު 607 އަށް ވަނީ އަރައިފައެވެ. އަދި އެ އަދަދު އިތުރުވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.
ތޫފާން ދިތުވާ ލަންކާއަށް އެރުމުގެ ސަބަބުން މިހާތަނަށް 214 މީހުން ގެއްލިފައިވާ ކަމަށާއި އެމީހުން ހޯދުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ސްރީލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ އެގައުމުގެ 2،082،195 މީހަކަށް ތޫފާނުގެ ސަބަބުން ސީދާގޮތެއްގައި ގެއްލުން ވެފައިވާ ކަމަށާއި އެއީ 586،464 އާއިލާ ކަމަށެވެ.
ތޫފާނުގައި ލަންކާގެ 4،164 ގެ ދިރި ނޫޅެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި 67،505 ގެއަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ރެކޯޑުކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ލަންކާއަށް މިދިޔަ ހަފުތާގައި އެރި ތޫފާން ދިތުވާގައި އެކި ގޮތް ގޮތުން ލިބުނު ގެއްލުން ބަލައި އެ ފަރާތްތަކަށް ބަދަލުދިނުމަށް ސަރުކާރުން ނިންމާފައިވާ އިރު، ގެދޮރު އެއްކޮށް ހަލާކުވެފައިވާނަމަ ފަސް މިލިއަން ރުޕީސް ދިނުމަށް ނިންމާފައިވާކަމަށް ލަންކާގެ ރައީސް އަނޫރާ ޑިސަނަޔަކަ ވަނީ ވިދާޅުވެފައެވެ.
މުހައްމަދު އައުޒަމް
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ