އަލަށް ގެދޮރު ހަދަން ބޭނުންވާ މީހުންނަށް ނުވަތަ ހަދަން ފަށާފައި ހުރި ގެ ނިންމުމަށް، ފަސް ޕަސަންޓް އިންޓްރެސްޓް ރޭޓުގައި ހައުސިން ލޯނު ލިބޭ ސްކީމް، "ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް"ގެ ޝަރުތުތައް ލުއިކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރު ތެރޭގައި ދޫކުރި ލޯން ހޯދުމަށް އުނދަގޫ ގޮތްތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ސަރުކާރުން އޮންނާނީ ބީއެމްއެލްގައި ދަންނަވާފައި ދެވަނަ ބުރަށް ހުޅުވާލާ އިރުގައި، ހިޔާވެހި ލޯން ސްކީމް ހުޅުވާލާ އިރުގައި އެ ލުއިތަކެއް ދޭ ގޮތަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރު އެ ލޯނަށް ހުޅުވާލާ އިރު، އެ ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ރައީސް ނުދެއްވައެވެ.

އެ ސްކީމްތަކަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރުމަށް ދަތިވާ ފަރާތްތަކަށް މާލީގޮތުން ހައްލު ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން އެކަށައަޅައިފައިވާ ސިޔާސަތުގެ ދަށުން، ގެދޮރު އިމާރާތްކުރުމަށް، އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ދޫކުރާ ލޯނުތަކެކެވެ.

ހިޔާވެހި ސްކީމުގެ ދަށުން މިއަހަރު ވަނީ ތިން ސްކީމަކަށް ލޯނު ދޫކޮށްފައެވެ. އެއީ ފަހިމާލެ، ސަހަރު އަދި ރަށްވެހި ސްކީމެވެ.

ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްތަކުގެ ތަފުސީލު:

ފަހިމާލެ ސްކީމް

  • ގިނަވެގެން ދޫކުރެވޭނީ ހަ މިލިއަން ރުފިޔާ. ނަމަވެސް، ކުދި ބިންކޮޅުތައް އެއްކޮށްގެން ބިން ތަރައްގީކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދީ، މިގޮތަށް ހުށަހަޅާ ފަރާތްތަކަށް ގިނަވެގެން 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދެވޭނެ. ކުދި ބިންކޮޅުތައް އެއްކުރާނަމަ އެއްކުރެވޭނީ، 600 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅުތައް.
  • ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭނެ އެންމެ ދިގު މުއްދަތަކީ 25 އަހަރު. މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުން.
  • ގްރޭސް ޕީރިއަޑުގެ ގޮތުގައި 18 މަސްދުވަސް ގިނަވެގެން ދެވޭނެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ ގްރޭސް ޕީރިއަޑް ނުހިމަނައި.
  • ފެސިލިޓީއަށް ހުށަހަޅާ ފަރާތުން 5 ޕަސަންޓާއި އާއި 10 ޕަސަންޓާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭނެ.
  • ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރަންޖެހޭނެ.އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ގިނަވެގެން ދޫކުރެވޭނީ 15 ޕަސަންޓް.
  • ބަކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެ.

ސަހަރު ސްކީމް

  • ގިނަވެގެން ދޫކުރެވޭނީ ތިން މިލިއަން ރުފިޔާ.
  • ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭނެ އެންމެ ދިގު މުއްދަތަކީ 25 އަހަރު. މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުން.
  • ގްރޭސް ޕީރިއަޑުގެ ގޮތުގައި 18 މަސްދުވަސް ގިނަވެގެން ދެވޭނެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ ގްރޭސް ޕީރިއަށް ނުހިމަނައި.
  • ފެސިލިޓީއަށް ހުށަހަޅާ ފަރާތުން 5 ޕަސަންޓާއި 10 ޕަސަންޓާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭނެ.
  • ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރަންޖެހޭނެ.އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ގިނަވެގެން ދޫކުރެވޭނީ 15 ޕަސަންޓް.
  • ބަކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެ.

ރަށްވެހި ސްކީމް

  • ގިނަވެގެން ދޫކުރެވޭނީ އެއް މިލިއަން ރުފިޔާ.
  • ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭނެ އެންމެ ދިގު މުއްދަތަކީ 25 އަހަރު. މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުން.
  • ގްރޭސް ޕީރިއަޑުގެ ގޮތުގައި 18 މަސްދުވަސް ގިނަވެގެން ދެވޭނެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ ގްރޭސް ޕީރިއަށް ނުހިމަނައި.
  • އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަން ނުޖެހޭ.ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރަންޖެހޭނެ.
  • އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ގިނަވެގެން ދޫކުރެވޭނީ 15 ޕަސަންޓް.
  • ބަކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެ.