އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)ގެ މުވައްޒަފުންނަށް ދެމުން އައި ލިވިން އެލަވަންސް ހުއްޓައިލުމަށާއި، ވޭތުވެދިޔަ އެއްއަހަރާއި 10 މަސްދުވަހުގެ ތެރޭގައި ލިވިން އެލަވަންސްގެ ގޮތުގައި މުވައްޒަފުންނަށް ދިން ފައިސާ އެ މުވައްޒަފުންގެ އަތުން ނެގުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ކޮމިޓީއަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ.

މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މި މައްސަލައާ ބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

އައިކޮމް މުވައްޒަފުންގެ އިހުމާލެއް ނެތި އެ މުވައްޒަފުންނަށް އިތުރަށް ދީފައިވާ ލިވިން އެލަވަންސްގެ ފައިސާ، މުވައްޒަފުންގެ އަތުން އިއާދަކުރުމަކީ ހަމައެއް ނޫންކަމަށް ކޮމިޓީ ބައްދަލުވުމުގައި ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން، މި މައްސަލާގައި، ކޮމިޝަނުގެ ފަރާތުން އިހުމާލުވެފައިވާ މުވައްޒަފުން ދެނެގަތުމަށްޓަކައި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބެއްލެވުމަށް އެ އޮފީހަށް އެންގުމަށާއި، މައްސަލާގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ލަފާއެއް ހޯދުމަށް ޝަރީފް ހުށަހަޅުއްވިއެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފުނަދޫ ދާއިރާގެ މެންބަރު ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހް އެވެ.

ކޮމިޓީން އިއްޔެ ވަނީ އެ ހުށަހެޅުން ފާސްކޮށްފައެވެ.