16 އަހަރުން ދަށުގެ ކުދީނަށް ހާއްސަ އީއާރެއް ގާއިމުކުރެވިއްޖެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސް 'ހަފުތާ104' ރޭގެ ޕްރޮގްރާމްގައި ހަލީމް ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯގެ މަގާމާ ހަވާލުވި އިރު މާލޭ ސަރަހައްދުގެ ސިއްހީ ނިޒާމުގެ ހާލަތު އެނގިވަޑައިގެންފައިވާ ކަމަށެވެ.

އެކަމަށް ހައްލު ހޯދުމުގައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވަމުން ހަލީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާއަށް އިތުބާރުކުރައްވައި އެ ޒިންމާ ހަވާލުކުރައްވައި، ސިއްހީ ދާއިރާގެ ތަރައްގީގެ ކުރިއެރުމަށް ފުރިހަމައަށް ސަޕޯޓު ދެއްވަމުން ގެންދްވާ ކަމަށެވެ.

ފާއިތުވި ދެ އަހަރު ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެއްކަމަކީ 16 އަހަރުން ދަށުގެ ކުޑަކުދީންނަށް ހާއްސަ އީއާރުގެ ހިދުމަތް ފޯރުކޮށްދިނުންކަމަށެވެ.

"މިހާރު 16 އަހަރުން ދަށުގެ ހުރިހާ ކުދީންނަށް، ވަކިން ހާއްސަކޮށް ކުޑަކުދީންނަށް ހާއްސަ ޑޮކްޓަރުން ތިބެގެން ފަރުވާ ދެވޭނެ އިންތިޒާމު މިވަނީ ހަމަޖެހިފައި. ކުޑަކުދިންނާ ޗައިލްޑްފްރެންޑްލީ ގޮތަކަށް އީއާރެއް މިވަނީ ގާއިމްކޮށްފައި." ހަލީމް ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ފަރުވާގެ ނިޒާމު އިތުރުކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށްވެސް ހަލީމް ފާހަގަކުރެއްވި އެވެ.

މި މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ބޭނުންވާ ސިއްހީ ފަރުވާގެ ނިޒާމުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައްވެސް ހިމެނޭކަމަށް ހަލީމް ވިދާޅުވިއެވެ.