ސްރީލަންކާއަށް އެރި ތޫފާން "ދިތުވާ" އާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ރާއްޖޭން ދެއްކި އެއްބައިވަންތަކަމަކީ އެގައުމުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެ ވިދާޅުވެއްޖެއެވެ.
ރާއްޖޭން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކޮށް ޑިސަނަޔެކެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދަނޑިވަޅުގައި ރާއްޖޭން ފޯރުކޮށްދިން އެހީތެރިކަމަކީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ ހެއްކެއް ކަމަށެވެ.
ލަންކާއަށް ފައިސާގެ އެހީގެ ގޮތުގައި ދިވެހި ސަރުކާރުން ވަނީ 50،000 އެމެރިކާ ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކޮށްފައެވެ. އެ ފައިސާ އިއްޔެ ހަވާލުކޮށްފައިވާއިރު މަސްދަޅު ކޭސްތައް ހިފައިގެން އެމްއެސްއެސްގެ ބޯޓު ލަންކާއަށް މިއަދު ވަނީ ފުރައިފައެވެ.
އޭގެ އިތުރުން ޕީއެސްއެމްއިން އިސްނަގައިގެން ކުރިއަށްގެންދިޔަ 'ސިލޯނާއެކު ދިވެހިން' ޓެލްތޯނުން ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ އިއްޔެ ހަވާލުކުރިއެވެ.
އެ ޓެލެތޯނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައިވަނީ ފުލުހުންގެ ފަރާތުންނެވެ. ފުލުހުން ވަނީ 2.4 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުންނެވެ. ސިފައިންގެ ފަރާތުން އެއް މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.
އޭގެ އިތުރުން މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކުންވެސް ވަނީ ފައިސާ ހަދިޔާކޮށްފައެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރިކުރާ ފަރާތްތަކުންވެސް ލަންކާއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ލަންކާއަށް އެރި ތޫފާނުގައި އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިހާތަނަށް 474 މީހުން މަރުވެ، 360 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.
އާއިޝަތު މާހާ
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެ
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެ
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެ