ސްރީލަންކާގެ ރައްޔިތުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ އެ ނިންމުމަކީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ބޭއްވި މަޝްވަރާތަކަށްފަހު ނިންމި ނިންމުމެއް ކަމަށެވެ.
މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ރައްޔިތުންނަށް ލަންކާއިން ވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށާފައިވާ ކަމަށާއި އެ ނިންމުންތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ސިއްހީ ފަރުވާއަށް ދަތުރުކުރާ ފަރާތްތަކާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހީންގެ އާއިލާތަކަށް އެއް އަހަރުގެ ވިސާ ލިބޭގޮތަށް ވެސް ދާދިފަހުން ވަނީ ނިންމައިފައެވެ.
ލަންކާގެ ރައީސް ޑިސަނާޔަކެގެ ދަތުރުފުޅުގެ ތެރެއިން، މިދިޔަ ހޯމަ ދުވަހު ކުރިއަށްގެންދިޔަ ދެ ގައުމުގެ ރަސްމީ ބައްދަލުވުންތަކަށްފަހު ބޭއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި ރައީސް މުއިއްޒު ވަނީ އެ ނިންމުމަށް ޝުކުރު ދަންނަވައިފައެވެ.
"ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ކިޔާ މަރުހަބާއަށް ރައީސް ޑިސަނަޔެކެއަށް ޝުކުރު ދަންނަވަން. ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ކޮންސިއުލާ ހިދުމަތްތައް ފުޅާކުރުމަށް ވާނީ މަޝްވަރާކުރެވިފައި. އަދި ދިވެހީންނަށް އެއް އަހަރުދުވަހަށް މެޑިކަލް ވިސާ އާއި ސްޕައުސް ވިސާ ހަމަޖައްސައިދޭން ދާދިފަހުން ސްރީލަންކާއިން ނިންމި ނިންމުމަށް ހާއްސަ ޝުކުރެއް ދަންނަވަން،" ރައީސް ވިދާޅުވެފައިވެއެވެ.
ލަންކާއިން ނިންމާފައިވަނީ ލަންކާގައި ވަޒީފާ އަދާކުރުމަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ގޮސް އުޅޭ ދިވެހީންގެ އަނބިން ނުވަތަ ފިރިންނަށް އެއް އަހަރުގެ ވިސާ ހަމަޖައްސައިދިނުމަށެވެ.
ރައީސް މުއިއްޒު ދެއްވި ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ލަންކާގެ ރައީސް ޑިސަނާޔަކެ، ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިރޭ ވަނީ ފުރާވަޑައިގެންފައެވެ.
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން