މިހާތަނަށް 70 ގައުމަކުން ލަންކާއަށް އެހީވެއްޖެއެވެ.

ލަންކާއަށް އެރި ބާރުގަދަ ތޫފާނުގެ ސަބަބުން އެ ގައުމަށް ލިބިފައިވާ ގެއްލުންތަކުންނާއި އެ ގައުމުގެ އާންމުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއިން އަރައިގަތުމަށް ބޭރުގެ 70 ގައުމަކުން ލަންކާއަށް އެހީވެފައިވާކަމަށް އެ ގައުމުގެ ޕޯޓްސް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު، އަނޫރާ ކަރުނަތިލަކޭ ވަނީ ވިދާޅުވެފައެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އަނޫރާ ވަނީ އެ ގައުމަށް އެހީތެރިވެފައިވާ ގައުމުތަކުގެ ތެރެއިން ހާއްސަކޮށް އިންޑިއާއާއި ޕާކިސްނާތުން އިންސާނީ އެހީގެ އިތުރުން ރެސްކިއު އޮޕަރޭޝަނުގައި ބައިވެރިވެފައިވާކަން ފާހަގަކުރައްވައިފައެވެ.

އަނޫރާ ވިދާޅުވީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާއާއި ޖަރުމަނުގެ އިތުރުން ޖަޕާނާއި ނޭޕާލާއި ރާއްޖެ އަދި އެމެރިކާ ފާހަގަކޮށްލެވޭކަމަށެވެ.

ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 200 މެޓްރިކްޓަނުގެ އެހީ ލަންކާއަށް އަންނާނެ ކަމަށް މިހާރު ޔަގީން ވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

ލަންކާއަށް އެރި ތޫފާނުގެ ސަބަބުން އެ ގައުމަށް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާއިރު މަރުވި މީހުންގެ އަދަދު 400 އިން މައްޗަށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.