ޖަނަވާރަކަށް އަނިޔާވެރިވެއްޖެނަމަ، އަ އަނިޔާވެރި ވި ފަރާތެއް އެއް މިިލިއަން ރުފިޔާއަށް ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
"ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު" ރައީސް ޑރ. މުއިއްޒު ތަސްދީގު ކުރެއްވީ މިއަދެވެ.
މި ބިލަކީ މިދިޔަ ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ބިލު މިހާރުވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 90 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
އެ ބިލްގައި ބުނެފައި ވަނީ އެ ބިލްގެ ބޭނުމަކީ ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާ ކުރުމާއި ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހި ކުރުމަށްޓަކައި، ޖަނަވާރުން ގެންގުޅުމާއި ބެލެހެއްޓުމާއި ވިއްސައި އާލާކުރުމާއި ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތް ކަނޑައެޅުން ކަމަށެވެ.
ޖަނާވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ އުސޫލުތަކާއި ރާއްޖެއަށް ޖަނަވާރު އެތެރެކުރުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ރާއްޖޭން ބޭރަށް ގެންދިއުމާ ގުޅޭ އުސޫލުތަކާއި އެނޫންވެސް ކަމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން ވެސް މި ބިލްގެ ބޭނުމުގެ ގޮތުގައި ހިމަނާފައިވެއެވެ.
މި ބިލްގައި ރާއްޖެއަށް ޖަނަވާރު އެތެރެ ކުރުމުގެ އަސާސީ ޝަރުތުތައް ކަނޑައަޅާނެ ގަވާއިދުތަކާއި ރާއްޖެ އެތެރެކުރުން މަނާ ޖަނަވާރާއި ޖަނަވާރު އެތެރެކުރުން މަނާ ގައުމުތައް މިނިސްޓްރީން ކަނޑައަޅައި ގެޒެޓްގައި ޝާއިއު ކުރަންވާނެ ކަމަށް ބުނެފައިވެއެވެ.
މި ބިލްގައި ހާއްސަ ހުއްދަ ބޭނުންވާ ޖަނަވާރުގެ ބާވަތްތަކާއި ޖަނަވާރު އެތެރެކުރުމުގެ ޝަަރުތުތަކާއި މިންގަނޑުތައް ބަޔާންކުރާ ގަވާއިދުތައް ހެދުމާއި ޖަނަވާރު ކަރަންޓީނު ކުރުމާއި އިމްޕޯޓު ޑިއުޓީ ދެއްކުން ލާޒިމް ނޫން ބަވާތްތަކާއި އިމްޕޯޓް ކުރުމަށް ނުވާގޮތަށް ހާއްސަ ބޭނުންތަކަށް އެތެރެކުރާ ޖަނަވާރުތައް ހިމަނާފައިވެއެވެ. މީގެ އިތުރުން ފަތުރުވެރިންނާ އެކު ވަގުތީގޮތުން ޖަނަވާރު އެތެރެކުރެވޭނެ ގަވާއިދުތައް ހެދުމަށްވެސް ހިމަނާފައިވެއެވެ.
މި ބިލްގައި ޖަނަވާރު އެކްސްޕޯޓް ކުރުމާއި ރީ އެކްސްޕޯޓްކުރުމާއި އެކްސްޕޯޓް ކުރުން މަނާ ޖަނާވާރުތައް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ޕެޓްޝޮޕާއި ޖަނަވާރު ވިއްކުމުގެ ވިޔަފާރި ރަޖިސްޓްރީ ކުރެވޭނެ ގޮތްތައް ވެސް ހިމަނާފައިވެއެވެ.
ބިލްގައިވާގޮތުން ކަމާބެހޭ ފަރާތަށް ރިޕޯޓް ކުރަންޖެހޭ ބައްޔެއް ޖެހިފައިވާ ނުވަތަ އެފަދަ ބައްޔެއް އުފުލާނެ އެއްވެސް ޖަނަވާރެއް، ނުވަތަ ޖަނަވާރެއްގެ ބައެއް ވިއްކުމާއި ވިއްކަން ބެހެއްޓުމާއި މި ގާނޫނާ ހިލާފަށް އެ ބާވަތް އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ފޯރުކޮށްދިނުމަކީ މަނާކަމެކެވެ. އެގޮތަށް ބަލި ޖައްސާ ޖަނަވާރު އިމްޕޯޓް ކުރާފަތެއް 10،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލްގައިވެއެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފަށް ޖަނަވާރާއި ޖަނަވާރުގެ ބައިތަކާއި އެތަކެތީގެ ކާނާ ރާއްޖެ އެތެރެ ކުރުމާއި އެކްސްޕޯޓް ކުރާ ފަރާތްތައް 5،000 އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ހިމަނާފައިވެއެވެ.
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް ޖަނަވާރު ވިއްސައި އާލާކުރުމާއި ރަޖިސްޓްރީ ނުކުރާ ތަނެއްގައި ޖަނަވާރު ގެންގުޅުމާއި ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާ ހިލާފުވާ ފަރާތްތައް 10،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލްގައިވެއެވެ. އަދި ޖަނަވާރަށް އަނިޔާ ދިނުމާއި އާއްމު ތަންތަނަށް ދޫކޮށްލާ ފަރާތްތައް 5،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަަމަށްވެސް ބިލްގައިވެއެވެ.
މި ގާނޫނު ފާސްވެ އަމަލު ކުރަން ފެށުމުން ބައެއް ގަވާއިދުތައް އުވާލަން ބިލްގައި ވަނީ ހިމަނައިފައެވެ.
އެގޮތުން މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަސް ހަމަވުމާއެކު އާއްމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ދިރޭ ޖަނަވާރު އެތެރެ ކުރުމާބެހޭ ގަވާއިދާއި ރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދު އުވޭނެއެވެ. މީގެ އިތުރުން ދިވެހި ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ފަސްވަނަ މާއްސާގެ (ހ)ގެ ދެވަނަ ނަމްބަރު ވެސް އުވާލެވޭނެއެވެ.
މުހައްމަދު އިޝާން
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
އޭގެ ސަސަބުން އަހަންނަށް ގެއްލުމެއް ނުވަތަ އުދަގުލެއް ވެއްޖެނަމަ އެއަށްވުރެ ބޮޑުއަދަދަކުން ސަރުކާރު ޖުރުމަނާ ކުރެވޭނެ ގޮތެއް އޮންނަންޖެހޭ
ދޭދޭ - 7 މަސް ކުރިން