ފުރަތަމަ ފަހަރަށް ރާއްޖޭގެ ޒަކާތުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ގާނޫނުގެ ބޭނުމެއްކަމަށް ބިލްގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއު ކޮށްފައިވާ މަގުސަދުތައް ހާސިލު ކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ، ގާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގައި ބެލެހެއްޓުން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު މަޖިލީހަށް ހުށަހެޅުއްވި މި ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލުގައިވާގޮތުން ގާނޫނަށް އަަމަލުކުރަން ފެށުމުން ރާއްޖޭގައި ޒަކާތް ނެގުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން ޒަކާތާއި ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޒަކާތާ ގުޅޭގޮތުން އެއިރެއްގައި ހުންނަވާ އިސްލާމިލް މިނިސްޓަރުގެ މަސްއޫލިއްޔަތުތައްވެސް މިބިލްގައިވަނީ ކަނޑައަޅައިފައެވެ.

އެގޮތުމް މިނިސްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޒަކާތާ ގުޅޭ ސިޔާސަތުތައް އާންމުކޮށް، އެ ސިޔާސަތުތަކާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި، ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އާންމު އިރުޝާދާއި ލަފާދިނުން ހިމެނެއެވެ.

މި ގާނޫނު ބުނާގޮތުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި މިނިސްޓަރަށާއި، ޒަކާތު ހައުސްއަށް ލަފާދިނުމަށާއި، އެ ނިޒާމުގެ ހިންގުން ވިލަރެސް ކުރުމަށްޓަކައި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ވާނެއެވެ. މި ކައުންސިލްގައި މިނިސްޓަރާއި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް އާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 2 މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތުން ޖުމުލަ ނުވަ މެންބަރުން ތިއްބަވާނެ އެވެ.

އެއާއެކު މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެއެވެ. މި އިދާރާ ހިނގަމުންދާނީ، މިނިސްޓްރީގެ ދަށުންނެވެ.

ޒަކާތުގެ ބިލުގައި ޒަކާތު ހައުސްގެ ޒިންމާތަކާއި، މަސްއޫލިއްޔަތުތައް ކަނޑައަޅާފައިވެއެވެ. އެގޮތުން ޒަކާތް ނެގުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި ގުޅޭ އެންމެހައި އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމާއި، ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރުތައް އެކަލަވާލައި އަދާހަމަކޮށް ބެލެހެއްޓުން ހިމެނެއެވެ. އަދި ޒަކާތް ނެގުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާ ގުޅިގެން ކުރާން ޖެހޭ އެންމެހައި ކަމެއް ކުރުމަކީވެސް ޒަކާތު ހައުސްގެ މަސްއޫލިއްޔަތެކެވެ.

މީގެ އިތުރުން ޒަކާތާ ބެހޭ ޝަރުއީ އެޑްވައިޒަރީ ކޮމިޓީއެއްވެސް އުފެދޭނެ އެވެ. އެގޮތުން ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުއީ ލަފަޔާއި އިރުޝާދު ދިނުމަށްޓަކައި ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށް ބިލުގައި ބުނެއެވެ.

ޒަކާތުގެ ބިލުގައި ފިތުރު ޒަކާތާއި، މުދަލު ޒަކާތް ދެއްކުން ލާޒިމުވުމުގެ ޝަރުތުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވެއްޖެ ކޮންމެ މީހަކު ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ ގޮތުގެ މަތިން ޒަކާތް ދައްކަން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޒަކާތުގެ ނިސާބު ކަނޑައަޅަން ޖެހޭ ގޮތްތަކާއި، ޒަކާތް ދައްކާ މީހާގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކާއި، ޒަކާތް ލިބޭ މީހުންނަކީ ކޮބައިކަންވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.