ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ކަމަށްވާ، ތިންވަނަ ދައުރު ގައި 15 ބިލެއް ނިންމައި މިއަދުން ފެށިގެން މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ.

މަޖިލިސް ގަވައިދު ބުނާގޮތުން ތިންވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދާން ޖެހޭނީ ޑިސެމްބަރު މަހުގެ އެކަކުން ފެށިގެންނެވެ. ނަމަވެސް މުހިއްމު ބައެެއް މަސައްކަތްތައް ހުރުމުން މަޖިލީހުގެ ތިންވަނަ ދައުރު މިމަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ދަންމާލަން މަޖިލީހުން ފާސްކުރިއެވެ.

ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔަކަން އިއުލާން ކުރައްވަމުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 20 ރައްޔިތުންގެ މަޖިލިސް ފެށުނީއްސުރެ ގެންގުޅެމުން އަންނަ އުސޫލަކީ، ސަރުކާރު ހިންގުމަށް ނުވަތަ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މުހިއްމު ބިލެެއް އޮވެއްޖެނަމަ، އެ ކަމެއް ނިންމުމަށްފަހު ޗުއްޓީއަށް ދިއުމުގެ އުސޫލު ކަމަށެވެ.

"ޑިސެމްބަރު މަހުގެ އެކަކުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދާގޮތަށް ގަވާއިދުގައި އޮތް ނަމަވެސް މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް ހުރުމާއެކީގައި އަބަދުވެސް 20 ވަނަ މަޖިލިސް ފެށުނީއްސުރެ މި ގެންގުޅޭ އުސޫލަކީ ސަރުކާރު ހިންގުމަށް ނުވަތަ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މުހިއްމު ބިލެއް މަޖިލީހުގަ އޮތިއްޔާ ޗުއްޓީއަށް ދާން ގަވާއިދުގައި އޮތަސް ޗުއްޓީއަށް ނުގޮސް އެކަމެއް ނިންމައިފަ ޗުއްޓީއަށް ދިއުމުގެ ވިސްނުމެއް،"

އެގޮތުން މާދަމާގެ ނިޔަލަށް ދައުރު ދަންމާލި ނަމަވެސް، މިއަދާ ހަމައަށް އައިއިރު ދައުރު ދަންމާލި މުހިއްމު ބިލް ތަކުގެ މަސައްކަތް ނިމިފައިވާތީ މިއަދުން ފެށިގެން ޗުއްޓީއަށް ދާން ނިންމެވީ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ މި ދައުރުގައި 28 ޖަލްސާއެއް ބާއްވައި، އެ ޖަލްސާތަކުގައި 64 ގަޑިއިރު ހޭދަ ކުރިކަމަށެވެ. އަދި ކޮމިޓީތަކުގެ 42 ބައްދަލުވުމެއް ބާއްވައި އެ ބައްދަލުވުންތަކުގައި 120 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށެވެ.

ދައުރުގައި ނިންމި މުހިއްމު ބިލްތައް:

  • ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ޓްރޭޑް މާކްގެ ބިލް
  • ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކުގެ ބިލް
  • ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް
  • ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ފިސްކަލް ޒިންމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ޒަކާތުގެ ބިލް
  • މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

މީގެ އިތުރުން ޕޯޓަލް މެދުވެރިކޮށް އާއްމުންނަށް، މަޖިލީހަށް އިލެކްޓްރޯނިކް ޕެޓިޝަން (އީ ޕެޓިޝަން) ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު މި ދައުރުގައި އިސްލާހު ކޮށްފައިވާކަން މަޖިލިސް ރައީސް ފާހަގަ ކުރެއްވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މި ދައުރުގައި މަޖިލިސް ތަޅުމުގައި ވަޒީރުންނާ 29 ސުވާލު ކުރެއްވި ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ހުށަހެޅި 16 މައްސަލަ އާއި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހެޅި ނުވަ މައްސަލަ ނިންމާފައިވާ ކަމަށެވެ.

މިދައުރުގައި އަތޮޅުތަކުގެ ފަސް ސްކޫލް ހިމެނޭހެން 19 ސްކޫލާއި ދެ ކޮލެޖަކާއި އެއް ޔުނިވަސިޓީން 328 ދަރުވިރުންނާއި 170 އަށްވުރެ ގިނަ މުދައްރިސުން މަޖިލީހަށް ޒިޔާރަތް ކުރެއްވި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ގަވާއިދު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށޭނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.