ރާއްޖޭގައި ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުންގެންދާ ތަންތަން ބަލައިފާސްކުރުމުގެ ތެރެއިން، ގަވައިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓާއި ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހަ ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
"މި ތަންތަނުގެ ތެރެއިން ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ވަނީ ބަންދުކޮށްފައި." ފުލުހުން ބުންޏެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް ދިިރިއުޅޭ ބިދޭސީންނާއި ގަވައިދާ ހިލާފަށް ރާއްޖޭގައި އެކި ވިޔަފާރިތައް ހިންގާ ބިދޭސީން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރިޔަށްގެންދެއެވެ. އަދި ރާއްޖޭގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން އިކޮނޮމިކް މިނިސްޓްރީން ފާއިތުވި ނޮވެމްބަރު 27 ގައި ވަނީ އިއުލާނުވެސް ކޮށްފައެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ބިދޭސީން ވިޔަފާރިކުރަމުން ގެންދާކަމުގެ ޝަކުވާ ސަރުކާރުގެ އިދާރާތަކަށް އަބަދުވެސް ލިބެމުންދާ ކަމަށެވެ. އެގޮތުން ދެ ގޮތަކަށް ގަވައިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވާކަން އެ މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށެވެ.
އެ ދެގޮތަކީ، ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުންދާ ބިދޭސީ ވިޔަފާރިތަކެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް